ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ
ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ
ދިވެހިރާއްޖެއަކީ ކުޑަ ގައުމެކެވެ. މީސްކޮޅު ވެސް މަދެވެ. ވަސީލަތްތައްވެސް މަދެވެ. ހިންދު ކަނޑުގައި އޮތް ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. ވަށައިގެން އޮތީ މާސިންގާ ބިޔަ ގައުމުތަކެވެ. އާބާދީގެ ގޮތުން ވެސް އަޅާކިޔޭ ވަރަށްވުރެ މާ ބޮޑަށް ވެސް ތަފާތެވެ. ރާއްޖެ ކިތަންމެ ކުޑައެއް ކަމަކު އަދި މީސްކޮޅު ކިތަންމެ މަދެއް ކަމަކު ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގެ ލިސްޓު ހަމަކުރަނީ ދިވެހިރާއްޖެވެސް ލައިގެންނެވެ. އަދި ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްކަން ދުނިޔޭގެ މައި ޖަމިއްޔާ، އދ. އިންވެސް ގަބޫލުކޮށް ބަލައި ގަނެއެވެ. ދިވެހި ރާއްޖެ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓާފައިވަނީ ކާބަފައިންގެ ލެއާއި ދާ އޮހޮރުވައިގެންނެވެ. އިސްލާމްދީން ގަބޫލުކުރީއްސުރެ އަދާއި ހަމައަށްވެސް ރާއްޖޭގެ އެންމެ މުހިންމު އެއް ސިފައަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ސިއްކަ އޮތުމެވެ. އަމިއްލަ އަކުރަކާއި ބަހެއް އޮތުމުގެ ފަޚުރުވެރި ތާރީޚެއް އޮތުމެވެ.

އިންޑިއާ ކަނޑުގައި ދިވެހިރާއްޖެ އޮވެ މިހާހިސާބަށް އައި އިރުވެސް އަދި ރާއްޖެ ކިތަންމެ ކުޑަވެފައި އާބާދީގެ ގޮތުން ކުޑަޔަސް އަދި އިޤުތިޞާދީ ވަސީލަތްތައް ކިތަންމެ މަދަސް މިހާތަނަށް ވެސް ރާއްޖެއޮތީ މިނިވަން ގައުމެއްގެ ގޮތުގައެވެ. ސަރަހައްދީ ބާރުތަކުން ވާދަވެރިކަމުގައި ތަޅާފޮޅަމުން ގެންދިޔަޔަސް އަދި ދީނީ، ނަސްލީ ތަފާތު ތަކުގައި ގައުމުތަކުގެ އެތެރޭގައި ކިތަންމެ ވަރުގަދައަށް ދާޚިލީ ދެކޮޅުވެރިކަން ހިނގަމުން ދިޔަ ނަމަވެސް ދިވެހިރާއްޖެ އަބަދުވެސް ޚިޔާރު ކުރަނީ ދޭތެރެ މެދެވެ. ހަމަ އެއްވެސް ކޮޅަކަށް ބުރައެއް ނުވެއެވެ. އެއްވެސް ފަރާތަކަށް ބަދުބަހެއް ނުބުނެއެވެ. އެއްވެސް ބަޔަލު ގޯސްކޮށްފައި އަނެއް ބަޔަކު ރަނގަޅުކޮށްފައި ވާހަކައެއް ނުދައްކައެވެ.

މީގެ ދިރިހުރި މިސާލެއް ދަންނަވާލާނަމެވެ. ދެކުނު އޭޝިޔާ ބައްރުގެ އެންމެ ބާރުގަދަ އެންމެ ވާދަވެރި ދެގައުމަކީ އިންޑިއާއާއި ޕާކިސްތާނެވެ. އެދެގައުމަކީ ޒަމާންވީ ވާދަވެރިކަމަކާއި ދުވަސްވީ އަރައިރުން ވުމެއްގެ ތެރޭގައި ދެކޮޅުވެރިވެ ތަޅާފޮޅަމުންދާ ދެގައުމެވެ. ދެގައުމުގެ މެދުގައި ހިނގަމުންދާ ހަމަ ނުޖެހުމަކީ ދެ ގައުމު ބައިވެގެން މިނިވަން ވެގެން ދިޔައިރު ދެ ގައުމު ހިއްސާކުރާ ބައެއް އޮތުމުން އެކަމާއި މެދު ހިނގާ ދެބަސްވުމެވެ. މިދެންނެވި ބިމާއި މެދު އެއްގަލަކަށް ނޭރިގެން ދެބައި މީހުން ހަނގުރާމަކުރާތާ އެތައް ދުވަހެކެވެ. މި ހަނގުރާމައިގެ ތެރޭގައި ދެފަރާތުންމެ ހަނގުރާމަވެރިންނާއި ކުށެއްނެތް ރައްޔިތުން މަރުވެ ހިނގައްޖެއެވެ. އަދިވެސް އެވާދަވެރިކަމަށް ނިމުމެއް ނާދެއެވެ.



މިދެގައުމުގެ ތެރެއިން ޕާކިސްތާނަކީ މުސްލިމު ދައުލަތެއް އޮންނަ ރާއްޖެއާއި ދާދި އެއް އާދަކާދަތަކެއް ގެންގުޅޭ ގައުމެކެވެ. އިންޑިއާއަކީ އެތައް ދީންތަކެއްގެ މައްޗަށް އެކުލެވޭ ދައުލަތެކެވެ. މިދެގައުމުގެ ޒަމާންވީ ދެކޮޅުވެރިކަމާއި ތަޅާފޮޅުމުގައިވެސް ދިވެހިރާއްޖެ ހަމަ އެއްވެސް ކޮޅަކަށް ބުރައެއް ނުވެއެވެ. ދެގައުމާއި ވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އެ ދެގައުމުގެ ވެރީންވެސް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖެއަށް އެހީތެރިވެދީ ހަދައެވެ. ވިޔާފާރީގެ ގުޅުންތައް ވެސް ދެގައުމާއި މެދުވެސް ހަމަ އެހާ ގާތެވެ. ރައްޔިތުންގެ މެދުގައިވެސް ޚާއްޞަ ގާތް ގުޅުންތަކެއް އޮވެއެވެ. ދިވެހީން ދެގައުމަށް ވެސް ދަތުރުކޮށް އެގައުމަކުން ލިބެން ހުރި ޚިދުމަތްތަކެއް ހޯދައެވެ. ތައުލީމާއި ޞިއްހީ ޚިދުމަތްތައް ހޯދަން ދިވެހީން ދެގައުމުވެސް އިހުތިޔާރު ކުރެއެވެ. އަދި ދެގައުމުގެ ރައްޔިތުން ރާއްޖެއައިސް ވަޒީފާ އަދާކޮށް ވިޔަފާރީ ކޮށްވެސް ހަދައެވެ.

ދިވެހިރާއްޖެ ގެންގުޅޭ މި ޚާރިޖީ ސިޔާސަތުގެ ސަބަބުން އެއްވެސް ގައުމަކުން ރާއްޖެއާއި މެދު ހިތްބުރަ ކަމެއް ނުބާއްވައެވެ. އަދި ދިވެހި ސަރުކާރުން ދުނިޔޭގެ ކޮންމެ ގައުމަކާއި އެކު ގުޅުން ބޭއްވިޔަސް އަދި ކޮންމެ ގައުމެއްގެ އެހީ ހޯދިޔަސް އަވަށްޓެރި އެއްވެސް ގައުމަކުން ހިތްބުރަކޮށް ދެކޮޅުވެރިކަން ފާޅުކޮށެއް ނޫޅެއެވެ.

މީގެއިތުރުން ދާދި ފަހަކާއި ޖެހެންދެންވެސް ދިވެހި ރާއްޖެ ގެންގުޅެމުން އައި ސިޔާސަތަކީ އަވަށްޓެރިއަކު ދިއްކޮށްލި އެއްޗެއްގައި ހިފިޔަސް އެއްވެސް ގައުމެއްގެ އުނގަށް ވެއްޓި ނުގަނެ ނޫނީ އެއްވެސް ގައުމެއްގެ ދަށު ނުވެ އުޅުމުގެ ސިޔާސަތެކެވެ. އެހެންވީމާ ރާއްޖެއިން ވަކި ކަމެއް ބަދަލުގައި ކޮށްދޭން ޝަރުތުކޮށް އެއްވެސް އިރެއްގައި އަވަށްޓެރިންގެ އަތަކުން ވެސް އަދި ދުރުތާ ރައްޓެހީންގެ އަތަކުން ވެސް އެއްޗެއް ނުހޯދައެވެ. ރާއްޖޭގައި ބިޔަ ތަރައްގީގެ މަޝްރޫޢުތައް ހިންގާފައިވަނީ އަވަށްޓެރި ގައުމުތަކުންނާއި ދުރުތާ ރަހުމަތްތެރި ގައުމުތަކުން އެހީއާއި ލޯނު ހޯދައިގެންނެވެ. މާލެ ވަށާ ބޮޑު ތޮށިލީވެސް އެގޮތަށެވެ. މައި އެއަރޕޯރޓް ތަރައްގީ ކުރީވެސް އެގޮތަށެވެ. ގިނަ ސްކޫލްތަކެއްވެސް އެގޮތަށް ބިނާ ކޮށްފައި އެހެރީއެވެ. މިނޫނަސް އެތައް ރަށެއްގެ ބަނދަރާއި ހޮސްޕިޓާތަކާއި ބިޔަ އުމްރާނީ ތަރައްގީގެ ބިނާތަކާއި މަޝްރޫޢުތައްވެސް ހިންގާފައި އެހެރީ ހަމަ މިދެންނެވި އުސޫލުން އެކުވެރިންގެ އެހީއާއި ލޯނު ހޯދައިގެންނެވެ. އެހެންވީމާ އެއްވެސް ބަޔަކު ރާއްޖެއަށް އެހީވެދީފައި ނޫނީ އެއްޗެއް ދީފައި ބަދަލުގައި މިވެނި ކަމެއް ބޭނުމެކޭ ނޫނީ ތިމަންނާމެންނަށް މިވެނި އެވެނި ތަނެއް ދޭން ޖެހޭނެކަމަކަށް ބުނެ އެފަދަ ކަންކަން ކޮށްދޭން ޝަރުތުކޮށެއް ވެސް ނުހަދައެވެ.



ނަމަވެސް މިފަހަކަށް އައިސް ދިވެހި ސަރުކާރުން ގެންގުޅެމުން އައި މިދެންނެވި ޚާރިޖީ ސިޔާސަތާއި އުސޫލު ވަރަށް ބޮޑަށް ހަދާންނެތި ނޫނީ އެ އުސޫލު އުވި އެހެން މަންޒަރުތަކެއް، އެހެން ނިޝާން ތަކެއް މިވަނީ ފެންނާން ފަށާފައެވެ. އެކަން ދިވެހީންނަށް ވަރަށް ބޮޑަށް އެބަ ފާހަގަ ކުރެވެއެވެ. އެމަންޒަރުތަކުން ގިނަ ދިވެހީންގެ ހިތްތަކަށް އެބަ ނުތަނަވަސްކަން ލިބެއެވެ. ދަންނަވަން މިއުޅޭ ވާހަކަ ތަންކޮޅެއް ތިލަކޮށްލާނަމެވެ.

މިވާހަކަ އަޅުގަނޑު ފަށާނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ފަސްއަހަރުގެ ދައުރާއި ހަމައިންނެވެ. ހަގީގަތުގައި އެސަރުކާރު ވުޖޫދުވިއިރުވެސް އަވަށްޓެރި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތީ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައެވެ. އެކަން އެހެން ދިމާވީ 2008 ވަނަ އަހަރު އުފެދުނު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ މައި އެއަރޕޯރޓް އިންޑިއާގެ ވަރަށް ބާރުގަދަ އަމިއްލަ ކުންފުންޏަކަށް ހިންގަން ދިނުމާއި ގުޅިގެން އޭގެ ފަހުން ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. މިތާނގައި އަޅުގަނޑު ސިފަކޮށްދޭން މިއުޅެނީ އެއްގޮތަކަށްވެސް އެކަން ސަރުކާރުން ގޯސްކޮށް ކުރި ވާހަކައެއް ނޫނެވެ. އިޝާރާތް ކޮށްލާން މިއުޅެނީ އެކަމާއި ވިދިގެން ދެން ހިނގާދިޔަ ކަންކަމުގެ ވާހަކަ އެވެ. އިންޑިއާއާއި ރާއްޖެއާއި ދެމެދު ގުޅުން ގޯސްވި ސަބަބެވެ.

ރައީސް ނަޝީދުގެ ސަރުކާރު ތިން އަހަރާއި ދުވަސްކޮޅަކުން ނިމިދިޔަ ގޮތަކަށް ނިމިދިޔައިރު އޭރުގެ ސިޔާސީ ފަރާތްތަކުން އެންމެ ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުން ގެންދިޔައީ ރާއްޖޭގެ މައި އެއަރޕޯރޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިން މައްސަލައިގައެވެ. އެމީހުން ސިފަކުރަމުން ދިޔައީ އެއީ ދިވެހި ސަރުކާރަށް ގެއްލުން ބޮޑު ޑީލެއްގެ ގޮތުގައެވެ. އަދި އެކަމާއި ގުޅިލާމެހިފައިވާ އެހެނިހެން ކަންކަމުގެ ސަބަބުން އެއަރޕޯރޓް ޖީއެމްއާރަށް ހިންގަން ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ދިވެހީންގެ ދީނަށްވެސް ބިރުހުރި ކަމެއްގެ ގޮތުގައެވެ. ކަން ނިމިގެންދިޔަ އިރު ބައެއްކަންކަން ހުރީ ހަމަ އެގޮތަށެވެ. ޖީއެމްއާރުން އެއަރޕޯރޓް ހިންގިއިރު ދިވެހި ސަރުކާރު ދިޔައީ އެކުންފުންޏަށް ދަރަނިވެރިވަމުންނެވެ. މައްސަލައަކީ އެއްބަސްވުމުގައި އޮތް އެއްމާއްދާއެއްގައި އެއަރޕޯރޓުން ފުރާ ކޮންމެ މީހެއްގެ އަތުން ނަގަން އޮތް ޓެކްހެއް ނެގުމުގެ ހުއްދަ ނުދިނުމުން އެބައި ދިވެހި ދައުލަތުން ދައްކާން ޖެހުމެވެ.



ކުރިން ދެންނެވިހެން އޭރުގެ އިދިކޮޅު ފަރާތްތަކުން ނުކުމެ ޖީއެމްއާރާއި ދެކޮޅަށް އަޑުއުފުލާ މުޒާހަރާކުރީ ހުއްޓުމެއް ނެތިއެވެ. ދޭދޭ ގުޅުމަށް އަރާފާނެ ބުރުލަކަށް ބެލުމެއް ނެތިއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މޫނަކަށް ކަނދުރާއަކަށް ނުބަލައެވެ. މިކަމުގެ ހިތި އަސަރުވެސް ވަގުތުން ފެންނާން ފެށިއެވެ. ފުރަތަމަ އެންގީ ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާ އަތުން ނަގާފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނެއް ވަގުތުން ދައްކާ ޚަލާސް ކުރުމަށެވެ. އެ ނުދައްކައިފިނަމަ ރާއްޖެ ބޭންކްރަޕްސީ އިޢުލާންކުރާނެ ކަމުގެ ބިރުވެސް އޮތް ކަމަށް ވެއެވެ. އޭރު ރައީސް ނަޝީދުގެ ވެރިކަން ނިމި ހިނގަމުން ދިޔައީ ރައީސް ވަހީދުގެ “ބައި ވެރިކަމެވެ.” ދެން ވަހީދު ސަރުކާރުން އެގޮތް މިގޮތުން އެ ދަރަނީގެ ބާކީއޮތް ބައި ދައްކައިފިއެވެ. އަދި ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް ހެޔޮކަމަށް ޖީއެމްއާރްވެސް ބޭރުކުރީއެވެ.

މިކަންތައް ގަނޑުގެ ތެރޭގައި ދިވެހީންނަށް އަވަށްޓެރި އިންޑިއާއަށް އެރުންވެސް ދަތިވިއެވެ. ވިސާ ނަގަން ޖެހުމާއި ބޭސްވެރިކަމަށް ދަންޏާ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހުމާއި ތަޢުލީމުގެ ބޭނުމުގެ ދާ އާއިލާ ތަކަށްވެސް އަދި ގޮސްތިބި އާއިލާ ތަކަށްވެސް އެތައް ދުއްޕާނެއް މިކަމުން ޖެހުނެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާ އެމްބަސީ ދޮށުގައި ވިސާ ހޯދާ ބޮޑު ކިޔޫތައް ވެސް ހެދިއެވެ. އަދި މިނޫންވެސް އަވަށްޓެރި ގައުމެއްގެ ފަރާތުން އަނެއް އަވަށްޓެރި ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ނުވާ ވަރަށް އޭރު ހުންނެވި ސަފީރު ވަންނަވަމުން ގެންދެވިތަން ފެނިގެން ދިޔައެވެ.



ދެން އައީ ރައީސް ޔާމިންގެ ސަރުކާރެވެ. އެސަރުކާރު އައިއިރުވެސް މިދެންނެވި މައްސަލަތަކާހުރެ ދެގައުމުގެ ގުޅުމަށް އޮތީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން އެހީތެރިކަން ހޯދުމަށް ބޮޑަށް ގާތްވީ ޗައިނާއާއެވެ. ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ޗައިނާގެ އެހީތެރިކަން ކޮންމެވެސް ވަރަކަށް ލިބެން ވަނީ ފަށާފައެވެ. އެކަމަކު އެހާ ފުޅާ ދާއިރާއެއްގައި އެހާ ގާތް ގުޅުމެއް އުފެދި ބޮޑެތި ބިޔަ މަޝްރޫޢު ތަކަށް ޗައިނާގެ އެހީއާއި މަދަދު ލިބެންފެށީ ރައީސް ޔާމިންގެ ސަރުކާރުގައެވެ. އެހެންކަމުން ޔާމިންގެ ސަރުކާރުން އިންޑިއާއާއި ދިމާއަށް ބަލައިލާކަށްވެސް ނުޖެހުނެވެ. ޗައިނާ އޮތީ އެއަށްވުރެ މާ ބޮޑަށް އެހީގެ އަތް ހުޅުވާލައިގެންނެވެ. ބުނެލި ކޮންމެ އެހީއެއް ދޭ ގޮތަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިންޑިއާއާއި އޮތް ގުޅުން ހައްތަހާ ދިޔައީ ދުރުވަމުން ފޭވަމުންނެވެ.

އެންމެފަހުން އިންޑިއާއިން އެހީގެ ގޮތުގައި ދީފައި އޮތް ދެ ހެލިކޮޕަޓަރުވެސް ބޭނޫން ނޫން ކަމަށް އަންގައި ރާއްޖޭގައި ހެލިކޮޕްޓަރ ދުއްވާ ބަލަހައްޓާން ތިބި އިންޑިއާ ސިފައިންވެސް ރަށަށް ދާން އެންގިއެވެ. މިކަމެއްގައި އަނެއްކާވެސް ދެގައުމުގެ ދެމެދުގައި ވަރުގަދަ އަރައިރުން ގަނޑެއް އުފެދި ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.

އޭރުގެ މި ވާހަކަތައް ގިނަ ދިވެހީންގެ ހަނދާނުގައި އަދިވެސް ހުންނާނެތީ އެވާހަކަތައް ތަކުރާރުކުރުމުގެ މާބޮޑު ބޭނުމެއް ނެތީތީ މިހާރުގެ ވާހަކަތަކަށް ޖެހިލާނަމެވެ.

މިހާރު މިވަނީ ކުރިން މިދެންނެވި ބީދައިން ހިނގަމުން އައި ދާޚިލީ ސިޔާސަތު މުޅިން އެނބުރިފައޭ ވެސް ދެންނެވި ދާނެއެވެ. އިންޑިއާ ބޭނުންވާ ގޮތަށް އަލުން ދިވެހި ސަރުކާރުން އިންޑިއާ އާއިއެކު ކުރިއަށްދާން ނިންމުމުން އިންޑިއާއަށް ލިބުނު ހިތްހަމަ ޖެހުން މިހާރު މިއޮތީ ވަރަށް ބޮޑަށް ފެންނާށެވެ. ޔާމިންގެ ސަރުކާރާއި ދެކޮޅަށް ނުކުތް ކޯލިޝަނާއި ހިސާބުން އިންޑިއާއިން އަތުގުޅާލި ގޮތަށް އެމީހުންނަށް ކުރިން ނުކުރެވި ހުރި ނުވަތަ ކުރިއަށް ދާން އުނދަގޫވެފައި ހުރި ހުރިހާ ކަމެއް މިއަދު އެދަނީ ފަތުއަޑުކިޔާފައި ޙާސިލުކޮށް ފުރިހަމަ ކުރަމުން ކުރިއަށެވެ. ޔާމީންގެ ވެރިކަން ނިމުނު ހިސާބުން އިންޑިއާގެ ލޯބި ރާއްޖެއަށް މިދަނީ އޮހެމުންނެވެ. އިންޑިއާ ފަސްޓް ސިޔާސަތާއެކު ވަން ޗައިނާގެ ސިޔާސަތު ފަނޑުވަމުން ގޮސް ވަޅުޖެހުނީއެވެ.



ދެ ހެލިކޮޕްޓަރާއި ހެލިކޮޕްޓަރު ދުއްވާ ބެލެހެއްޓުމުގެ ނަމުގައި ތިބި ސިފައިން ދެން ދާން ނުޖެހޭނެކަން ޔަގީންވީއެވެ. ދެ ހެލިކޮޕްޓަރުގެ އިތުރުން އިތުރު އަސްކަރީ ބޯޓަކާއި އިތުރު ސިފައިންވެސް ރާއްޖޭގައި އޮތް އިންޑިއާގެ ފްލީޓާ ގުޅުނީއެވެ. އެއަރ ބަބަލް ގާއިމުކޮށް ވައިގެ މަގުން ގުޅުން އިތުރުކޮށް ފުޅާކުރީއެވެ. ނުވިތާކަށް ކަނޑުމަގުން ފެރީގެ ޚިދުމަތުން ވެސް ގުޅާލީއެވެ. ސަރުކާރުން ހިންގާ ހުރިހާ ޕްރޮޖެކްޓަކަށް އިންޑިއާއިން ދީލަތިކަމާއެކު އަތް ހުޅުވާލާ އެހީތައް އޮއްސަނީއެވެ. ބަޖެޓަށް ވެސް އެހީދެނީއެވެ. ބްރިޖާއި ފާލަން އަޅަން ވެސް އެހީދެނީއެވެ. އުތުރާ ދެކުނުގައި ގޭދޮށު މަސް ފެކްޓްރީވެސް ހަދައިދެނީ އިންޑިއާއިންނެވެ. ޚާއްޞަކޮށް އިންޑިއާގެ އެހީގެ ހޮޅީކޮޅު އެއޮތީ އައްޑޫ ސިޓީއާއި ކުޅުދުށްފުށްޓަށް ގުޅާލައި ބޮޑު ވޭލް ދޫކޮށްލާފައެވެ. އައްޑޫ ސިޓީގައި މަގެއް ހެދިޔަސް ފެންހޮޅިއެއް ލިޔަސް ކާނެއް ބެހެއްޓިޔަސް އިންޑިއާއެވެ. ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިންޑިއާގެ އެހީގައި އެކި ވަރުގެ މަޝްރޫޢުތައް އެހެރެގެން ހިނގަމުން ދަނީއެވެ. އަދި އަންނާންވެސް އޮތީއެވެ. އުފަލުގެ ކޮޅެއް ނެތެވެ. އަވަށްޓެރިއަކު ހެޔޮ ހިތުން އެހީވެދޭތީއެވެ.

އެކަމަކު ފެންނަނީ ހަމަ މި މަންޒަރު ތޯއެވެ؟ ކުރިމަގުގައި ފެންނާނީ ހަމަ މިހާރު އެކިޔައިދޭ ވާހަކަ ތޯއެވެ؟ ދެން އަންނަ ބަޔަލު މީގެ ބަދަލު ދޭން ނޫނީ އަގުދައްކާން ނުޖެހޭނެ ތޯއެވެ؟ ކުރިއަށް އޮތީ ކޮންފަދަ ބިޔަ ބޮޑު ރާޅެއް ބާވައެވެ؟

އިދިކޮޅު ފަރާތްތަކުން ދައްކާ މިފަދަ ނޭދެވޭ ވާހަކަ ތަކަށް ޚާރިޖީ ވަޒީރު ދެއްވީ ވަރަށް ވެސް ސިޔާސީ ޖަވާބެކެވެ. ވިދާޅުވީ އިންޑިއާގެ އެހީގައި މިސަރުކާރުން ތަރައްގީގެ ބިޔަ މަޝްރޫޢުތައް ހިންގާތީ އިދިކޮޅު މީހުން “ޖޭ” ވަނީ ކަމަށެވެ. އެހެން ވެދާނެއެވެ. އެކަމަކު ސުވާލަކީ ރާއްޖެއިން ކުރިން ގެންގުޅުނު ވަކި ފަރާތަކަށް ނުޖެހޭ، ވަކި ގައުމެއްގެ އުނގުތެރެއަށް ވެއްޓި ދަށުވެ ނުގަތުމުގެ ސިޔާސަތު މިހާރުވެސް އެބަ އޮތް ކަމާމެދު އުފެދޭ ސުވާލެވެ. އުފެދޭ ޝައްކުތަކެވެ.



މަރްހޫމް ދޮހޮއްކޮބެގެ ތަޖުރިބާއިން ވާހަކައެއް ހިއްސާކޮށްލާނަމެވެ. ދޮހޮއްކޮބެ ބުނަނީ "އެދޭނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން، އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން،" ކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ އަވަށްޓެރިއެކެވެ. ގާތް ރަހުމަތްތެރި އެކެވެ. އިންޑިއާ ސަރުކާރުގެ ޖިއޯ ޕޮލިޓިކްސް ގެ ތެރޭގައި ރާއްޖެ ތާށިވެ ފިތުމަކީ މައްސަލައެކެވެ. އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ބުނާ ފަދަ އިންޑިއާގެ “ބެކްޔާޑަކަށް” ރާއްޖެ ވާ ވަރަށް އެގައުމުގެ އުނގަށް ވެއްޓުމަކީ ފަހުން އެ އުނގުން ތެދުވާން ދަތިވެ މައްސަލަތަކަކާއި ކުރިމަތިވެދާނެ ކަމެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ. ކިތަންމެ ގާތްވިޔަސް އަދި ކިތަންމެ ބޭނުން ވިޔަސް ފަހުން އަތުލާން ޖެހޭ ވަރުގެ ބަދަލެއް ދީފައި އެހީތެރިކަން ހޯދުމަކީ މައްސަލައެކެވެ. ތަކުލީފުތަކެއް އުފުލާން ޖެހޭނެ ކަމެކެވެ. އިރާގާއި އަފްޣާނިސްތާނުގައި ބާރުގަދަ ގައުމުތަކުގެ އަސްކަރީ ފައުޖުތައް ރުކުރުވާލައިގެން ތިބޭ ގޮތަށް ރާއްޖޭގައި އަވަށްޓެރި ނިއުކްލިއަރ ބާރެއްގެ އަސްކަރީ ފައުޖެއް ތާއަބަދަށް ތިބޭވަރުގެ ގައުމަކަށް ރާއްޖެ ވުމަކީ އެކަމާމެދު ރައްޔިތުން ކަންބޮޑުވާނެ ކަމެކެވެ. މިއީ ސިޔާސީ ގޮތުންވެސް ފަރުދީ ގޮތުން ވެސް ފިކުރު ހިންގާން ޖެހޭނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޗަރުކޭސް

02-Oct-2020

މިހާރު އެއޮތީ ފަހުން ފުރާ ބޮޑުރިއާނަގަން މިސަރުކާރަށް ޖެހިފާ, ވަޅުގާ އޮންނަބޮއް ފެންބޯވަރެއް ނޭނގޭނެ, ވަގުންގެ ފޮށި ބާރަށް ބަންނާނެ ވެސްމެ.


23

ޗަރުކޭސް

02-Oct-2020

މިހާރު އެއޮތީ ފަހުން ފުރާ ބޮޑުރިއާނަގަން މިސަރުކާރަށް ޖެހިފާ, ވަޅުގާ އޮންނަބޮއް ފެންބޯވަރެއް ނޭނގޭނެ, ވަގުންގެ ފޮށި ބާރަށް ބަންނާނެ ވެސްމެ.



ޓްރެންޑިން