ބިއެމްއެލް އިން އެމްއޯސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ބީއެމްއެލް
ބިއެމްއެލް އިން އެމްއޯސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލަރޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ.

ބީއެމްއެލުން ބުނިގޮތުގައި މި ސްކޮލަރޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމެވެ.

މި މި ސްކޮލަރޝިޕަށް އެތުލީޓުން ހޮވުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީ އިން ކަމަށާއި، އަދި ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށް ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިންގ ޕްރޮގްރާމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ދިވެހިންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބެންކެކެވެ. އެގޮތުން ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު