ރާއްޖޭގެ ޗާޓު
ރާއްޖޭގެ ޗާޓު
ރާއްޖެ ކައިރި ސަރަހައްދަކީ ބިންހެލުން ނާންނަ ސަރަހައްދެއް ކަމަށް ހީކުރިޔަސް އެއީ ކުށް ހީއެކެވެ.

ދިވެހިރާއްޖޭގެ ތާރީޚީ ލިޔެކިޔުންތަކުގައި (އާކައިވްސްގައި) ބިންހެލުމުގެ ހާދިސާތައް ރެކޯޑުކުރެވިފައި ވީނަމަވެސް، ސުނާމީ ހާދިސާތަކާ ގުޅޭގޮތުން ލިޔެވިފައިވާ ހެކިތައް ފެންނަން ހުރީ ވަރަށް މަދުންނެވެ. ތާރީޚީ ރެކޯޑުތަކުން ދައްކާގޮތުގައި މީލާދީން 1729 އާއި 1815 އާ ދެމެދު ރާއްޖެއަށް ބިންހެލުންތަކެއް އައިސްފައިވެއެވެ. މި ބިންހެލުންތަކުގެ ބާރުމިނާއި (މެގްނިޓިއުޑް) އެ ހިނގި ސީދާ ސަރަހައްދުތައް އެނގެން ނެތް ނަމަވެސް، އެ ހާދިސާތައް ހިނގި ގޮތުގެ ތަފްސީލީ ސިފަކުރުންތައް ލިޔެވިފައިވެއެވެ.

ފަހުގެ ތާރީޚަށް ބަލާއިރު، 1944، 1983 އަދި 2003 ވަނަ އަހަރު ރާއްޖެ ހިމެނޭ ސަރަހައްދަށް މެގްނިޓިއުޑް 7.0 އަށް ވުރެ ބާރުގަދަ ތިން ބިންހެލުމެއް އައިސްފައިވެއެވެ. އާންމުގޮތެއްގައި ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ކުރަނީ ލޮޅުންތަކެއްގެ ގޮތުގައެވެ. އަދި މީގެ ސަބަބުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ނުލިބެއެވެ.

ނަމަވެސް، 2003 ވަނަ އަހަރު ކާލްސްބާގް ރިޖް (Carlsberg Ridge) ސަރަހައްދަށް އައި މެގްނިޓިއުޑް 7.6 ގެ ބިންހެލުމާއި، 1816 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދަށް އައިސްފައިވާ އެހެން ބިންހެލުންތަކަށް ބަލާއިރު، އޭގެ ސަބަބުން އުފެދުނު އެއްވެސް ސުނާމީއެއްގެ އަސަރު ރާއްޖެއަށް ކުރިކަމަކަށް ތާރީޚީ ރެކޯޑުތަކަކުން ނުދައްކައެވެ.

ރާއްޖެއަށް ސުނާމީއެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ރެކޯޑުކުރެވިފައިވާ ހަމައެކަނި ހާދިސާއަކީ 26 ޑިސެމްބަރު 2004 ގައި އިންޑިއާ ކަނޑަށް އައި ބިންހެލުމެވެ. މިއީ ދިވެހި ތާރީޚުގައި ތަޖުރިބާކުރި އެންމެ ބިރުވެރި އަދި އެންމެ ބޮޑު ގުދުރަތީ ކާރިސާއެވެ. މި ހާދިސާގައި ހަނިމާދޫގައި ރާޅުގެ އުސްމިން ގާތްގަނޑަކަށް 2.5 މީޓަރަށް ހުރިއިރު، މާލޭގައި ރާޅުގެ އުސްމިން ހުރީ 2.1 މީޓަރުގައެވެ.

މި ކާރިސާގައި 82 ދިވެހިން ނިޔާވެ، 26 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި 2000 އަށްވުރެ ގިނަ ގެދޮރު ހަލާކުވެ، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިކަމުގެ ސަބަބުން ލިބުނު މާލީ ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް 470 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ އޭރު ރާއްޖޭގެ ޖީ.ޑީ.ޕީގެ 62 އިންސައްތައެވެ.

ސުނާމީގެ އިގްތިސާދީ ނުރައްކާތެރި އަސަރުތައް އޭގެ ފަހު އަހަރުވެސް ވަރަށް ބޮޑަށް ކުރިއެވެ. އެގޮތުން، ކުއްލި އެހީއަށާއި އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް 80 މިލިއަން ޑޮލަރުގެ ބަޖެޓް ޑެފިސިޓެއް ކުރިމަތިވުމުގެ އިތުރުން، 2005 ވަނަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވިއެވެ.



ކިޔުންތެރިންގެ ހިޔާލު