އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
މާލޭގައި ހިންގަމުންދިޔަ 5 ސްޕާއެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދޮޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ ސްޕާ/ސެލޫން ފަދަ 17 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މި ތަންތަނުން ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 1 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މީގެ ތެރެއިން 05 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މިހާރު ވަނީ ފަށާފައެވެ. އަދި ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެކުރިން މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ނަމަވެސް މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9188 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު