ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ސައިކަލެއް ވަގަށް ނަގައިފި ނަމަ އެ ސައިކަލް ހޯދެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ އަމީނަށް ފޮނުއްވި ސިޓީގައި ވަނީ ސައިކަލްތައް ވަގަށް ނެގުން ގިނަވެފައިވާ ކަން ފާހަގަކޮށްފައެވެ. އަދި އެހާލަތުގައި ސައިކަލްތަކުގެ ވެރިންނަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވަން އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ވެއެވެ.

ކުޑޫ ވަނީ މިނިސްޓަރ އަމީންއަށް 3 ކަމެއް ހުށަހަޅުއްވާފައެވެ. އެގޮތުން ކުޑޫ ހުށަހެޅުއްވި ފުރަތަމަ ކަމަކީ ސައިކަލެއް ވަގަށް ގެންދިއުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ނަމަ ސައިކަލް ފެންނަންދެން އަހަރީ ފީ މާފުކޮށްދިނުމެވެ.

ދެވަނަ ކަމަކަށް ހުށަހެޅީ ގެއްލޭ ސައިކަލް ފެނިއްޖެ ނަމަ އެ ސައިކަލް ގެއްލުނު އިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމެވެ. އެކަމަކު އެގޮތަށް އަމަލުކޮށްދޭނީ ވަގަށް ނެގި ކަމުގެ ޕޮލިސް ރިޕޯޓް ޓްރާންސްޕޯޓަށް ހުށަހެޅުމުން ކަމަށް ސިޓީގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކުޑޫ ދެން ހުށަހެޅުއްވި ކަމަކީ ސްކޫލްތައް ނިމޭ ގަޑިތަކުގައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް މެނޭޖްކުރަން އާންމު ޓްރެފިކް ގަވައިދުގެ އިތުރުން، ހާއްސަ އުސޫލެއް ކަނޑައަޅައި ތަންފީޒުކޮށްދިނުމެވެ.

އެފަދަ އުސޫލެއް ކަނޑައަަޅައި ތަންފީޒުކުރަން އެދިވަޑައިގެންނެވީ ސްކޫލްތައް ނިމޭ ގަޑީައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް ބާރުބޮޑުވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދެވުމަށް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު