ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ސަރުކާރުން ބިޑަކާނުލާ އަމިއްލަ ކުންފުނިތަކަށް ޙަވާލުކުރި ބޮޑެތި މަޝްރޫޢުތަކަށް ލޯނު ދިނުމުގައި، އެ މަޝްރޫޢުތައް ދޫކުރެވުނު ގޮތުގެ ނަޒާހަތްތެރިކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަށަވަރުނުކޮށްފިނަމަ، އެކަމުގެ ސަބަބުން މަނީ ލޯންޑަރިންގ އަށް ދޮރު ހުޅުވިދާނެ ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ބިޑަކާ ނުލާ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ޙަވާލުކުރި މަޝްރޫޢުތަކަށް ފައިސާ ދޫކުރަނީ ބީއެމްއެލްއިން ކަމަށް ބުނެ ފެންމަތިވެފައިވާ ތުހުމަތުތައް ދޮގުކޮށް އެބޭންކުން މިއަދު ނެރުނު ބަޔާނަށް ރައްދު ދެއްވަމުންނެވެ.

ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންނަށް ކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ބީއެމްއެލްގެ މި ސްޓޭޓްމަންޓަށް ރައްދު ދެއްވަމުން މީސްމީޑިއާގައި ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވީ، ބީއެމްއެލްގެ މި އުސޫލަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ އެންމެންނަށް އެންމެން އެނގޭ ކުޑަ ގައުމަކަށް ވާތީ، ސަރުކާރުން މަޝްރޫޢުތައް ދޫކުރެވުނު ގޮތް ނޭނގޭ އެއްވެސް މީހަކު ނެތް ކަމަށް އަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު އަމީރު ވިދާޅުވީ، އެއްވެސް ހާމަކަމެއް، ވާދަވެރިކަމެއް ނެތި، ސަރުކާރުގެ އިސްވެރިން ބޭނުންވާ މީހުންނަށް، ޚާއްސަކޮށް ޕީއެންސީގެ މަޖްލިސް މެމްބަރުންނަށް ޕްރޮޖެކްޓް ބަހާލީކަން ނޭނގޭ އެއްވެސް މީހަކު ނެތް ކަމަށެވެ. އަމީރު ވަނީ މިކަމުގައި ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި މަޝްރޫޢުތައް ދީފައިވާ ކަމަށް ތުހުމަތު ކުރަށްވާފައެވެ.

"ޕްރޮޕޯޒަލް ހުށަހަޅަން ބުނެގެން ކޮންޓްރެކްޓަރު އަގު ހުށަހެޅީ 47 މިލިއަން ރުިފޔާއަށް. ޕްރޮޖެކްޓް އެވޯޑްކުރީ +80 މިލިއަން ރުފިޔާއަށް. ސަރުކާރުން މި ގޮތަށް ޖަރީމާ ހިންގާފަ، ބޭނުން ބަޔަކު ކަނޑައަޅާ ބޭންކަށް ފޮނުވީމާ، އެ ޕްރޮސެސް އާއި މެދު ސުވާލެއްވެސް ކުރުމެއްނެތި އަދި ގާބިލްކަން ހުއްޓަސް ލޯނު ނުދެވޭނެ. ބޭންކުގެ ޒިންމާއެއް އެ ޕްރޮސެސްގެ އިންޓެގްރިޓީއާއި މެދު ސުވާލުކުރުން. ސުވާލެއްވެސް ނުކޮށް، އިންޓެގްރިޓީ ކަށަވަރުނުކޮށް މި ގޮތަށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށްވެސް ދޮރެއް." އަމީރު ވިދާޅުވެފައިވެއެވެ.



އަމީރު މިހެން ވިދާޅުވެފައިވާއިރު ބޭންކުން މިއަދު ބުނެފައިވަނީ، ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި، ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި، ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ނޯންނާނެ ކަމަށާއި، އެކަން މިހާރު ހިނގަމުން ދަނީވެސް އަދި ކުރިޔަށް އޮތްތާގައި ހިނގަމުންދާނީވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ބޭންކުން ބުނެފައިވެއެވެ.

އެހެންކަމުން ބޭންކާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް ބޭންކުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު