ސީރިއާގައި ގެއްލިފައިވާ ބައެއް މީހުން-
ސީރިއާގައި ގެއްލިފައިވާ ބައެއް މީހުން-
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ސީރިޔާގައި 100 އެއްހާ މީހުން ވަގަށް ނަގާފައި، ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާ (އޯއެޗްސީއެޗްއާރު) އިން ބުނީ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައި ފަހުން ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި ވެސް މީހުން ވަގަށް ނަގައި ގެއްލުވާލަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 97 މީހުން ގެއްލުވާލާފައިވާ ކަމަށް އެ އިދާރާއަށް ޔަޤީންކުރެވިފައި ވާކަމަށް އޯއެޗްސީއެޗްއާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ގެއްލުވާލާފައިވާ މީހުންގެ ހަޤީޤީ ޢަދަދު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އޯއެޗްސީއެޗްއާރުން ބުނީ އަލްއަސަދުގެ ވެރިކަމުގައި ވެސް 100،000އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައި ވާކަމަށެވެ.

އަލްއަސަދުގެ ވެރިކަން ނިމުމަކަށް އައުމާއެކު، 13 އަހަރު ދުވަހަށް ދެމިގެންދިޔަ ސީރިޔާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް އައެވެ. ސީރިއާގެ ވެރިކަން ބަދަލުވުމާއެކު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނުވަތަ ރަހީނު ކޮށްފައިވާ ބައެއް މީހުން ފެނި، އެ މީހުން ވަނީ އެ މީހުންގެ ޢާއިލާތަކާ އަލުން ބައްދަލުވެފައެވެ. ނަމަވެސް، ގިނަ ޢަދަދެއްގެ މީހުންނަށް ވީނުވީއެއް އަދި ވެސް ނޭނގޭ ކަމަށް އޯއެޗްސީއެޗްއާރުން ބުނެއެވެ.

އދ. އިން ބުނީ ސީރިޔާގެ ހަލަބޮލި ސަލާމަތީ މަސްރަހުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށެވެ. އެގޮތުން އދ. އާ ވާހަކަދައްކައިފި ނަމަ ގެއްލުން ދޭނެ ކަމުގެ އިންޒާރުތައް މީހުންނަށް ދެމުންދާ ކަމަށާއި، އޭގެ ސަބަބުން އދ. އާއެކު މައުލޫމާތު ޙިއްޞާ ކުރުމަށް މީހުން ޖެހިލުންވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު