ބިޑު ކުރުމެެއް ނެތި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓް އަމިއްލަ ކުންފުނިތަކަށް ބަހާލާފައިވަނީ، އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ރައްޔިތުންގެ ތާއީދު ހޯދައި، "ވާ ވައްދަން" ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއެއް ޕްރައިވެޓު ކުންފުނިތަކާ ސަރުކާރުން މިއަދު ވަނީ ހަވާލުކޮށްފައެވެ. އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުގެ ރައީސް މުއިއްޒުގެ ވަޢުދުތައް ފުއްދުމަށްޓަކައި، މާލިއްޔަތު ގަވާއިދާއި ގާނޫނަށް ބެލުމެއްނެތި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިސާ ބޭނުންކޮށް، ގަވާއިދުތައް އަމަލުކުރާ ގޮތަށް ބަދަލުތައް ގެނެސް، ސަރުކާރުގެ މިނިސްޓަރުންނާއި ވެރީން ބޭނުންފުޅުވާ ބަޔަކަށް ޕްރޮޖެކްޓްތައް ދީފައިވާ ކަމަށެވެ. މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، މިއީ ޓެންޑަރ އަދި ޕްރޮކިއުމަންޓް ގަވާއިދުތަކުގެ ބޭރުން ކުރެވޭ ކަމެއް ކަމަށާއި، މިފަދަ ކަންކަން އެމްޑީޕީން ބަލައިނުގަންނާނެ ކަމަށެވެ. އަދި މިއީ މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އަމީރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ޕްރޮޖެކްޓްތައް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގަން އެވޯޑު ކުރި ނަމަވެސް، މިހާތަނަށް ރަނގަޅަށް ފެށިފައިވާ އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"މިހާތަނަށް ވެސް މި ދެ އަހަރު ތެރޭގައި ހުޅުވުނު ތަނެއް ހުޅުވުނީ މިދިޔަ ސަރުކާރުގައި ކޮށްފައި ހުރި މަސައްކަތް ރެބަން ކެނޑުނީވެސް، 1000 ޕްރޮޖެކްޓް ސަރުކާރުން ބޮޑު ރަސްމިއްޔާތެއް ބާއްވާފައި ކޮންޓެކްޓަރުންނާއި ހަވާލުކުރިއަސް އަޅުގަނޑުމެންނަށް ޔަގީން ސަރުކާރަށް ކުރިއަށް މިއޮތް ދެ އަހަރު ތެރޭގައި ވެސް މި ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭނެކަން، ސަރުކާރުން މި ކުންފުނިތަކަށް ދޭން ބޭނުންވާ ވަރަށް ފައިސާ ވެސް ނެތްކަން،" އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު