އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށްފިއެވެ.

ގަން އެއަރ ސްޓޭޝަންގެ ނަމުން ނަން ދެވިފައިވާ މި ވައިގެ މަރުކަޒު މިއަދު ހަވީރު އިފްތިތާހް ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސްގެ ޤަރާރެއް ނެރުއްވީ މިއަހަރުގެ ނަޞްރުގެ ދުވަސްކަމަށްވާ 3 ނޮވެންބަރުގައެވެ.

އެމްއެންޑީއެފުން ބުނީ އެ މަރުކަޒު ހުރި ސަރަހައްދަކީ ތާރީހީ ގޮތުންނާއި ޖިއޮގްރަފީ އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއްގައި ކަމަށެވެ. އެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ އެއާކޯގެ ޓީވީޓޫ އެއާ ކްރާފްޓްތައް އުދުހުމަށް ހާއްސަކޮށްފައިވާ އެއާ ސްކޮޑްރަން 2، ވައިގެ މަރުކަޒު ފަރުމާކޮށްފައިވަނީ ކުރިމަގުގައި ސިފައިންގެ ބާރު ފުޅާވަމުންދާ މިންވަރަކަށް ތަރައްގީ ކުރެވޭނެ ގޮތަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ވައިގެ މަރުކަޒު ގާއިމުކޮށްފައިވަނީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި، ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށެވެ.

ރާއްޖޭގައި އަލަށް އަސްކަރީ ވައިގެ މަރުކަޒެއް މިއަދު ހުޅުވިިއިރު މިދިޔަ އަހަރުގެ މާޗު މަހު އެމްއެންޑީއެފްގެ އެއާ ކޯ އުފައްދައިފައިވާ ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު