ދިވެހިރާއްޖެ އިޤުތިޞާދީ ގޮތުން ހުޅުވާލައި، ދިވެހި ޤައުމީވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަން ރައްކާތެރިކުރުމަށްޓަކައި، ވަރުގަދަ މިލިޓަރީ ބާރެއް ރާއްޖޭގައި ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ ފުރަތަމަ އެއަރ ސްޓޭޝަން އައްޑުއަތޮޅު ގަމުގައި މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު، އެމްއެންޑީއެފްގެ ހުރިހާ ދާއިރާއެއްގެ ހާލަތުވެސް އޮތީ އެތައް ގުނައަކުން ރަނގަޅުކުރަން ޖެހިފައި ކަމަށެވެ. އެމްއެންޑީއެފްގެ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާރުވެސް އެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، އެމްއެންޑީއެފް އެއަރކޯ އުފައްދައި، އެއަރކޯއަށް ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ހުޅުވިގެންދިޔަ އެއަރ ސްޓޭޝަނަކީ މިގޮތުން ވަރަށް މުހިންމު އިންފްރާސްޓްރަކްޗަރ ވަސީލަތެއް ކަމަށާއި، މިއީ މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމުގައި އެއަރކޯއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ މަރުކަޒުތައް ސްޓޭޝަންތައް ހަދާނެކަމަށް އިއުލާންކުރެެއްވި ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއަދު އެތަން ހުޅުވިގެން ދިޔުމާއެކު، އުތުރުގައި ށ. އަތޮޅު ފުނަދޫގައި ހަދަމުންދާ މަރުކަޒުގެ މަސައްކަތްވެސް މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ވެސް، ވައިގެ ބާރާއި، އެއްގަމުގެ ބާރާއި، ކަނޑުގެ ބާރަށް އިތުރު ވަސީލަތްތައް ހޯދައިދިނުމަކީ ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކެއް ކަމަށާއި، މި މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ކޯސްޓްގާޑުގެ ފްލައިޓް ދެގުނަ ކުރުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްވެސް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށާއި، މެރިންކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިންވެސް ބައެއް ކަންކަން ހާސިލުކުރެވި، އިތުރު ކަންތައްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމީ ދިފާޢީ ބާރަށް ކޮށްދޭންޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، އަންނަ އަހަރަށް ބަޖެޓު ކުރެވިފައިވެސް އޭގެ ބައެއް ކަންކަން ހިމެނޭ ކަމަށާއި، މިއިން ކޮންމެ ކަމަކީ ދިވެހި ރައްޔިތުންނަށް ދިވެހި ޤައުމަށް ނުހަނު ފައިދާވާނެ ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިޤުތިޞާދީ ގޮތުން ގައުމު ހުޅުވާލުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިޤުތިޞާދީ ގޮތުން މި ޤައުމަކީ ރެސިލިއަންޓް، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެން ދިޔުމުގައި ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި މި ޤައުމު އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ޤައުމަކީ އިންވެސްޓަރުންނަށް ސޭފް ތަނެއްގެ ގޮތުގައި ޤަބޫލުކުރެވޭނަމަ ކަމަށާއި، ދިވެހިރާއްޖޭގެ ކެޕޭސިޓީ އާއި ކޭޕެބިލިޓީ މި މަގުން ޤާއިމުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭ ވަރު އިތުރުވާ މިންވަރަކަށް މި ޤައުމުގެ އިޤުތިޞާދުވެސް ކުރިއަށްދާނެ ކަމަށާއި، އިޤުތިޞާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގައި ތަރައްޤީވެފައިވާ އިސްލާމީ އަރަބި ޤައުމުތަކުގައި ވެސް ތަރައްޤީ ހާސިލުކުރެވިފައިވާ ގޮތަށް ބަލާއިރުގައި، މިއީ އެ ބޭފުޅުންވެސް އެ ޤައުމުތަކުން ކަންކަން ކުރަމުންދާ ގޮތް ކަމަށެވެ. އެހެންކަމުން، ދިވެހި ޤައުމީވަންތަކަން ޙިމާޔަތްކުރެވި، އިސްލާމީ އެއްބައިވަންތަކަން ކަށަވަރުކުރެވި އޮންނަ ގޮތަށް ދިވެހި ޤައުމު އިޤުތިޞާދީ ގޮތުން ހުޅުވާލުމަށްޓަކައި ކުރެވޭ މަސައްކަތުގައި، މި ޤައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް ކަމުގައިވާ އެމްއެންޑީއެފް ޤާއިމުވެ އޮތުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، އެގޮތުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"2040 ވަނަ އަހަރާއި ހަމަޔަށް ދާންވާއިރަށް މިގައުމު ތަރައްޤީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި މިގައުމު ގުނާލެވޭނީ ހަމަ ޔަގީނުން ވެސް މިގައުމުގައި ވަރުގަދަ ހުރިހާ ދާއިރާއަކުން ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން،" ރައީސް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު