އައްޑޫ ސިޓީ ހުޅުދޫއާއި ހިތަދޫއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އައްޑޫ އަތޮޅު ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލާ ބުރިޖުގެ ފީޒިބިލިޓީ ސްޓަޑީއާއެކު ޑިޒައިނެއް ހެދުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ހަވާލުކޮށްފައިވާކަމަށެވެ. އެ ޑިޒައިންގެ މަސައްކަތް ނިމުމާއެކު ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޑިޒައިނިންގެ މަސައްކަތް ހަވާލުކުރީ 6 މަސް ދުވަހުން ނިންމާ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ މި މަސައްކަތް ޙަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަމަށެވެ. އަދި އެ ކުންފުންޏާއި ޙަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރުގެ މާރޗް ނުވަތަ އޭޕްރީލް ހިސާބުގައި އެ މަސައްކަތް ނިމުމުން ބުރިޖުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ހުޅުދޫ އަދި މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތަށް މިހާރު ފައިސާ ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި މަގު ހެދުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަށް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުޅުދޫގައި ހުރި ފެކްޓްރީގެ ޖާގަ އިތުރުކުރުމަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު