ކުރީގެ ރައީސް މައުމޫނާއި އަނބިކަބަލުން ނަސްރީނާ އަދި ދަރިކަލުން ޣައްސާން މައުމޫން ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކުރީގެ ރައީސް މައުމޫނާއި އަނބިކަބަލުން ނަސްރީނާ އަދި ދަރިކަލުން ޣައްސާން މައުމޫން ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ރައީސް މުޢިއްޒު މިއަދު ނިންމަވާފަައިވާ ކަމަށެވެ. މިގޮތަށް ރައީސް ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިން ރާއްޖެ ސަލާމަތްކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލްގައްޔޫމް ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި ގުޅިގެންނެވެ.

މީގެ އިތުރުން ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް، މިއަދު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އައްޑަނަތައް އެރުވުމަށް ރައީސް ނިންމެވީ އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުގައި މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެ އަށް ދިން ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

އެ ހާދިސާ އަށް ފަހު ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ނަޞްރުގެ ދުވަހުގެ ގޮތުގައި ސަރުކާރުން އަންނަނީ ފާހަގަކުރަމުންނެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމާ މުޚާޠަބު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު