ރީކޯ މޫސާ މަނިކު-
ރީކޯ މޫސާ މަނިކު-
ސްރީލަންކާއާއި ރާއްޖެއާ ދެމެދު މުފާ ފެރީ ފަށާނަމަ، އެއިން ގެންނަ މުދާ ވިއްކުމުގެ ހުއްދަ ދޭން ޖެހޭނީ ރާއްޖޭގެ ވިޔަފާރުވެރިންނަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައި ވަނީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުދާ ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. މީގެ ބޭނުމަކީ ދަތުރުފަތުރުގެ ހަރަދު ކުޑަކޮށް، ހަލާކުވާ ޒާތުގެ ކާބޯތަކެތި އެކަށީގެންވާ އަވަސްމިނެއްގައި ރާއްޖެއަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މޫސަ ވިދާޅުވީ ރާއްޖެއަށް ހެޔޮ އަގުގައި މުދާ ބޭނުން ކަމަށެވެ. އެހެންްނަމަވެސް ލަންކާ މުދާ ފެރީ ފަށާއިރު އެ މުދާ ހޯލްސޭލްކޮށް، އަދި ރީޓޭލްކޮށް ވިއްކަން ހުއްދަދެވެން ވާނީ ދިވެހިންކުރެ އެ ވިޔަފާރިކުރަން ބޭނުން މީހުންނަށް ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ބޭރުފައިސާ އިންތިހާއަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، މި ވިޔަފާރި ރާއްޖޭގައި ސައްތައިން ސައްތަ ލަންކާ ކުންފުނިތަކުން ކުރަން ހުއްދަ ދީފިނަމަ ފުނޑޭނީ ދިވެހި އިޤްތިސާދު ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ކަޅު ބާޒާރުަގައި ޑޮލަރުގެ އަގު ތިރިނުވެ މައްޗަށް އަރަމުންދަނީ މިހާރުވެސް ކުދި އަދި މެދުފަންތީގެ އެތަށްހާސް ވިޔަފާރިއެއްގެ ތެރެއަށް ލަންކާ، އިންޑިއާ، ޗައިނާ އަދި ބަނގާޅުމީހުން ވަދެ ޑޮލަރު އެމީހުންގެ އަތަށް އަރަމުންދާތީ ކަމަށެވެ.

ރާއްޖެއާ ލަންކާއާ ދެމެދު ވިޔަފާރި ފެރީ ފެށުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރިނަމަވެސް، މިކަމާ ގުޅޭ މައުލޫމާތެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު