މަރްޔަމް ނަހްދާ ވަޙީދު   30 އޮކްޓޯބަރު 2025 - 17:14
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް-
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް-
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެފްއޭއެމްގެ ރައީސްގެ މަޤާމްގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި މީގެކުރިންވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިއަދު ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ލޯންޑާކޮށްފައިވާތީ މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވުމުންނެވެ.

މިއަދު އިއްވި ހުކުމްގައި ބުނީ ބައްސާމް އެ ފައިސާ ލޯންޑާކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވަނީ އޭނާގެ ރެހެންދި ފްލެޓަށް ކުލި ދެއްކުމަށާއި، އަމިއްލަ ޚަރަދުތަކަށް އަދި އެހެން މީހުންނަށް ޚަރަދުކުރަންކަން ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެންވެ ކޯޓުން ހުކުމްކުރީ ފަސް އަހަރަށް ބައްސާމް ޖަލަށްލުމާއެކު، 154,000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

ބައްސާމްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އޭނާއަށް އިތުރު ދައުވާތަކެއް ދައުލަތުން ވަކިން ކުރެއެވެ. އެ މައްސަލަތަކާ ގުޅިގެން، އޭނާ ހުޅުމާލެއިން ގަނެފައިވާ ޕެންޓްހައުސްތަކެއް މިދިޔަ އަހަރު ވަނީ ހިފަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު