ދިވެހި ސިޔާސީ މައިދާނުގައި މިރޭ ބޮޑު ދެ ސިޔާސީ ޙަރަކާތެއް އެއް ގަޑިއެއްގައި ކުރިއަށް ގޮސްފައިވާއިރު، މި ދެ ޖަލްސާއަށް އާންމުންގެ ފަރާތުން ލިބުނު ސަމާލުކަމުގައި ފާޅުކަން ބޮޑު ތަފާތެއް ފެނިގެން ގޮސްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުން ދެ ރައީސުންނަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދުގެ ތަފާތު ދައްކުވައިދޭ ކަމަށް ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާދިއްޕޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ޖަލްސާއެއް ބާއްވަވާފައެވެ. މި ޖަލްސާގައި ރައީސްގެ ވާހަކަފުޅުތަކަށް ލައިވްކޮށް ސަމާލުކަން ދިން މީހުންގެ އަދަދު ވަރަށް ދަށްކަން ވަނީ ފާހަގަކުރެވިފައެވެ. ޖަލްސާ ލައިވްކޮށް ބެލި މީހުންގެ އަދަދު 133 އަށް ވުރެ އިތުރެއް ނުވެއެވެ.

މި ޖަލްސާއާ އެއް ގަޑިއެއްގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ހއ. ދިއްދޫގައި ލައިވް ސްޕީޗެއް ދެއްވާފައެވެ. ރައީސް ޔާމީންގެ މި ސްޕީޗަށް އާންމުންގެ ފަރާތުން ބޮޑު ސަމާލުކަމެއް ލިބިފައިވާކަން ފާހަގަވެއެވެ. ލައިވްކޮށް އެ ސްޕީޗް ބެލި މީހުންގެ އަދަދު 800 އަށް ވުރެ ގިނައެވެ.

މި ދެ ޖަލްސާ އެއްގަޑިއެއްގައި ކުރިއަށް ދިޔައިރު، ލައިވްކޮށް ބެލި މީހުންގެ އަދަދުގައި ފެނުނު ބޮޑު ތަފާތަކީ، ރައްޔިތުންގެ މެދުގައި އެ ދެ ބޭފުޅުންނަށް އޮތް ސިޔާސީ ތާއީދު ވަކިވަކިން ދައްކުވައިދޭ ކަމެއް ކަމަށް މަސްރަޙު ދިރާސާވެރިން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު