އައްޑޫ ރިފަރެންޑަމް ވޯޓުގައި މިއަދު ވޯޓުލީ މީހުންގެ އިންސައްތަ ދަށްވުމަކީ ކަމާގުޅުންހުރި މުއައްސަސާތަކުން މި ވޯޓަށް ތައްޔާރުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވީ، އައްޑޫ ރިފަރެންޑަމް ވޯޓާއި ގުޅިގެން އޭނާގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަކްރަމް ވިދާޅުވިގޮތުގައި މިއަދު ވޯޓުލާން ނިކުތް މީހުންގެ ދަށް އިންސައްތައިން ހާމަވެގެންދިޔައީ މި ވޯޓަށް ކަމާގުޅުންހުރި މުއައްސަސާތަކުން ތައްޔާރުވެފައިވާ މިންވަރެވެ. އެގޮތުން، ރައްޔިތުންނަށް ވޯޓާބެހޭ މައުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނުވާކަން އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ. އަކްރަމް ވިދާޅުވީ، މިކަންތައްތައް ރަނގަޅަށް ކުރެވިފައިވާ ނަމަ، ވޯޓުލީ މީހުންގެ އިންސައްތަ މިޔައްވުރެ މަތިވީސް ކަމަށެވެ.

އެހެންކަމުން، ކުރިއަށްހުރި އިންތިހާބުތަކުގައި މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަކޮށްގެން ބޭއްވި މި ވޯޓުގައި ވޯޓުލާފައިވަނީ 4510 މީހުން ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓެވެ. އަދި 5066 މީހަކު ވޯޓުގައި ބައިވެރިވެފައި ނުވާއިރު، އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 52.9 ޕަސެންޓްކަން ފާހަގަކުރެވެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ނެގި ރިފަރަންޑަމް ވޯޓުގައި ފޭދޫން އައްޑޫ ސިޓީ ކައުންސިލުން ވަކިނުވާން ނިންމިއިރު، ސިޓީ ކައުންސިލުން ވަކިވުމަށް ހުޅުދޫ އާއި މީދޫއިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު