ހައްޔަރުކުރި 3 މީހުން
ހައްޔަރުކުރި 3 މީހުން
ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި އިތުރު 3 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން 2025 އޮކްޓޯބަރ 24 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) ކަމަށެވެ.

އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސިނގިރޭޓް ކޮންޓޭނަރުތައް ވަގަށްނެގި މައްސަލައާ ގުޅިގެން 2025 އޮކްޓޯބަރ 21 ވަނަ ދުވަހުގެ ރޭ ކ. ތުލުސްދޫ، ލިންކު، ޙަސަން ޢަބްދުއްރަޙްމާން (52އ) ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ. އަދި ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަނަކަށް ހުރިކަމުގެ ތުހުމަތަށް ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54 ވެސް ހައްޔަރު ކޮށްފައިވެއެވެ.

ހަމައެއާއެކު މި މައްސަލައިގެ ތަހުގީގުގައި، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައިހުރި 2 ކޮންޓޭނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިމަހުގެ 8ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި، އިތުރު ދެ މީހެކެވެ. އެމީހުންގެ ބަންދު މުއްދަތުވެސް ކޯޓުން މިހާރު ވަނީ ޖަހާފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. މައްސަލާގައި އެމްޕީއެލުން ވަނީ 6 މުވައްޒަފުން ސަސްޕެންޑް ކޮށްފައެވެ. އަދި ކަސްޓަމްސްގެ މުވައްޒަފަކު ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މިމައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު