އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫގެ ޤަދަރު އުފުލިގެންވާ ރީތިނަން އުވާލައި އައްޑޫސިޓީ ބައިބައިކުރަން އުޅެނީ މަކަރުވެރި ނިޔަތެއްގައި ކަމަށް ވެލިދޫ ދާއިގެ މަޖިލީސް މެންބަރު މުޙައްމަދު އައްބާސް ތުހުމަތު ކުރަށްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް އިޝާރާތް ކުރަށްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި މެންބަރު އައްބާސް ވިދާޅުވީ، އެންމެ ކުރިން ފެށިގެންވެސް އަޑުއަހަމުން އައީ އައްޑު އަތޮޅަކީ ފަޚުރުވެރި އައްޑޫގެ ގޮތުގައި ކަމަށާއި، ވަކިވަކި ރަށްތަކެއް ހިމެނުނު ނަމަވެސް އެއީ އެެއްރަށެއް އަދި އެއްބައެއްގެ ގޮތުގައި ކަމަށެވެ.

"އައްޑޫ ސިޓީއަކަށް ތަރައްޤީ ކުރުމުގެ ވިސްނުން ދޫކޮށްލަށްވާފައި އައްޑޫގެ ޤަދަރު އުފުލިގެންވާ މިރީތި ނަން އުވާލާ އެއީ ވަކި ރަށްތަކެއްގެ ގޮތުގައި ހަދާ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ އައްޑޫ ބައިބައި ކުރަން ސަރުކާރުން މިއުޅެނީ ކޮން ކަހަލަ މަކަރުވެރި ނިޔަތެއްގައި ކޮން މަގުސަދެއް ހާސިލް ނުވެގެން ކަމެއް ނުވިސްނުނު!" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، މިއީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބަށް އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ނުފުއްދެވުމުން ކުރަށްވާ ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ނުފުއްދެވުމުން އައްޑޫގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި ބައިބައި ކުރަން ކުރަށްވާ ކަމެއްތޯވެސް އައްބާސް އައްސަވާފައިވެއެވެ.

"އައްޑޫ ރައްޔިތުންގެ މެދުގައި އޮތް އައްޑޫގެ ވަތަނީ ރޫހް ގެއްލުވާލާ އައްޑޫ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބަދަލުގައި އައްޑޫ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ތަރައްޤީ ނެތިކޮށްލާ އައްޑޫ ރައްޔިތުން މާލެއަށް ގުޅަޖައްސާ ބައިބައި ކޮށްލަނީތޯ؟ އަޅުގަނޑު ދަންނަ އައްޑޫ ރައްޔިތުންނަކީ އެންމެ ތަޢުލީމީ އެހާމެ ވިސްނުންތޫނު އަދި އެންމެ ދުރުވިސްނޭ، ހޭބުއްދި ވެފައި، ތަންދޮރު ދަންނަ، ހެޔޮނުބާ ވަކިވެފައި ތިއްބެވި ރައްޔިތުން." އައްބާސް ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫގެ ރައްޔިތުންގެ ސިކުޑިތަކާއި ކުޅެލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭވަރު ކަމެއްނޫން ކަމަށާއި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ފަހުރުވެރި އައްޑޫގެ ނަން އުވާލައި ބައިބައިކުރުމާ ދެކޮޅު ހައްދަވާ ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓުގައި 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.

އަދި އެވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ވަކިވަކި ކައުންސިލް އުފައްދަން ފެނޭތޯ ބަލަން ފެންނަ ނުފެންނަ ވޯޓު ނަގާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު