އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި، އެބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތް ގާނޫނުއަސާސީ އާއި ހިލާފު ކަމަށް ބުނެ މީގެ ކުރިން މީސްމީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އުޝާމް ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އުޝާމް ވިދާޅުވީ، އެއްވެ އުޅުން ހިމެނޭހެން ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ އިމެއްނެތި ލިބިދޭ ހައްގުތަކެއް ނޫން ކަމަށާއި، އެބާބުގައި ލިބިދީފައިވާ ހައްގުތައް ޤާނޫނުން ހަނިކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނަނީ އެހެންވެގެން ކަމަށެވެ.

"ރާއްޖެ ފަދަ ގައުމުތަކުގެ އެކަން ކުރާގޮތަށް އެކަން ކުރާނީ. ގާނޫނުއަސާސީގައިވެސް ބަޔާންކޮށްފަ އޮންނަނީ މިނިވަން ދިމިކްރާތީ މުޖުތަމައުތަކުގައި ހައްގުތައް ހަނިކުރާ މިންވަރަށޭ އެކަން ކުރާނީ." އުޝާމް ވިދާޅުވިއެވެ.

އުޝާމް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3 ގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ހަ މީހަކު މިހާރު ވެސް ތިބީ ބަންދުގައެވެ.



ކިޔުންތެރިންގެ ހިޔާލު