އަންނަ އަހަރު ޤައުމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށާއި، އެ މަނިކުފާނު ބޭނުންފުޅުވަނީ އެކި ދާއިރާތަކުން "ބޮޑު ބޫމް"އެއް އައިސް ކުރިއެރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ށ. ކޮމަންޑޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާ އަހަރު ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ މިހާރު ވެސް އިޤްތިސާދު ކުރިއެރުވުމަށް އެތައް ފުރުޞަތުތަކެއް ހުރި ކަމަށާއި، ކޮންމެ ދާއިރާއަކުން ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. މީގެ ފައިދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރަމުން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެކި އެކި ދާއިރާތަކުން އުފެއްދުންތެރިކަން ރާއްޖޭގައި ބޮޑު ބޫމެއް އައިސް ކުރިއަރައިގެންދާނެ ފުރުޞަތު ދޭން." ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި މުހިންމު އެންމެ ފުޅާ ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ އަތްމައްޗަށް އޮންލައިން ވިޔަފާރީގެ ބޮޑު ފުރުޞަތެއް ހުޅުވާލެވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ދަނީ ހަމަ ގާތްގަނޑަކަށް ދިވެހި ރައްޔިތުންގެ އަތްމައްޗަށް އެ ފުރުޞަތު އަންނަމުން. އެހެންވީމާ މިފަދަ އެތައް ފުރުޞަތުތަކެއް މި ދަނީ ހުޅުވާލަމުން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުފެއްދުންތެރިކަމަކީ ހަމައެކަނި ޓްރެޑިޝަނަލް އިންޑަސްޓްރީތައް ކަމަށްވާ ޓޫރިޒަމް ނުވަތަ މަސްވެރިކަމަށް އެކަނި ނޫން ކަމަށާއި، އެހެން ދާއިރާތަކުން ވެސް އުފެއްދުންތެރިކަން އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ޒުވާނުންނާއި އަންހެން ބޭފުޅުންނަށް އީޖާދީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެކި ދާއިރާތަކުން ކްރިއޭޓިވިޓީގެ ތެރެއިން އާ އީޖާދުތަކާއި އާ އުފެއްދުންތައް އުފައްދާ ފަރާތްތަކަށާއި، ގޭގައި ތިބެގެން އުފައްދާ ތަކެތި ވެސް އޮންލައިންކޮށް ވިއްކޭނެ ޕްލެޓްފޯމްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރަށްރަށުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއެކު އިޤުތިޞާދު ފުޅާކުރުމަށް ވެސް އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މީގެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް އިހުސާސްވެ، ރާއްޖޭގެ މުއްސަނދިކަމާއި އުފެއްދުންތެރިކަން އެތައް ގުނައެއް މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ފަހިކުރަމުން ގެންދަވާނެ ކަމަށާއި، ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ މަޤުސަދަކީ ވެސް ރައްޔިތުން ބޭނުންވާ މިފަދަ ކަންކަން އެދޭ ގޮތަށް ރައްޔިތުން ގާތުން ހަމަޖައްސައިދިނުން ކަމަށެވެ. އަދި އެކަންކަމުގެ ނަތީޖާ ރައްޔިތުން ބޭނުންވާ ގޮތަށް ހާސިލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު