ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުންދަނީ ދައުލަތް ދަވާލަން އައިސް ތިބި މީހުން ކަމަށާއި، އެހެންކަމުން އެ ސަރުކާރެއް މި ސަރުކާރެއް ކިޔެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު، (އައްދު) ވިދާޅުވެއްޖެއެވެ.

އައްދު މިހެން ވިދާޅުވެފައި މިވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ހާމަކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އައްދު ވިދާޅުވީ ޖެހުނު ކޮންމެ ދިމާލަކުން ހުސް ފެންނަނީ އަތު ޖެހުނު އެއްޗެއް ދައުލަތުން ދަވަން އައިސް ތިބި މީހުން ކަމަށެވެ.

"އެ ސަރުކާރެއް މިސަރުކާރެއް ކިޔާނެ ކަމެއްނެތް، ޖެހުނު ކޮންމެ ދިމާލަކުން އަތު ޖެހުނު އެއްޗެއް ދައުލަތުން ދަވަން އައިސް ތިބި މީހުން ހުސް ފެންނަނީ، ކައުންސިލަކަށްވިޔަސް، ކުންފުންޏަކަށްވިޔަސް އަދި ކޮންމެ މުއައްސަސާއެއްވިޔަސް، ކޮންމެ ވުޒާރާއެއްވިޔަސް ތަފާތެއް ނެތް، ކުޑަވަގާއި ބޮޑު ވަގު." އައްދު ވިދާޅުވިއެވެ.

އައްދު ވިދާޅުވީ ކައުންސިލަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް އަދި ދައުލަތުގެ ކޮންމެ މުއައްސަސާއަކަށް ވިޔަސް، މިހާރު ފެންނަނީ އެބައެއްގެ ސިކުނޑި ތަންދިންވަރަކަށް ގައުމު ލޫޓުވައިގެން ދިރިއުޅުން ހަމަޖެއްސުމުގައި އުޅޭ މަންޒަރު ކަމަށެވެ.

"އަޅުގަނޑުމެންގެ ހަޔާތުގައި މި ގައުމު ރަނގަޅުވާނެ ކަމުގެ އުންމީދެއް ނެތް،" އައްދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު