ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ
100 މިލިއަނަށްވުރެ ބޮޑު ވައްކަމެއް ކުރުމުންވެސް ސަރުކާރުގެ ވެރިން ކަހާތަން ހިރުވާވެސް ނުލާ ތިއްބެވި ސަބަބާމެދު ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.

ޙުސައިން މިފަދަ ސުވާލެއް އުފައްދަވާފައި މިވަނީ، ރާއްޖެއަށް ވަގަށް އެތެރެކުރި 13.6 މިލިއަން ސިނގިރޭޓު ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ހާމަކުރުމާއި ގުޅިގެންނެވެ.

މި ސިނގިރޭޓުތައް އަތުލައިގަތީ މިއަހަރުގެ އޭޕްރީލްމަހުގެ 26 ވަނަ ދުވަހު، ހުޅުމާލޭ ސީ ކާގޯ ޓަރމިނަލުންނެވެ. އެގޮތުން މުޅިއެކު 13،600،000 ސިނގިރޭޓު ސްޓިކް ހޯދާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. އަދި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި އެތެރެކުރި 1،360 ކޭސް ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަގަށް ނަގާފައިވާކަން ކަސްޓަމްސް އަށް އެގިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ޙުސައިން ވަނީ، 100 މިލިއަނަށްވުރެ ބޮޑު ވައްކަމެއް ކުރުމުންވެސް، މީހަކާ ސުވާލެއް، ކަހާތަން ހިރުވާވެސް ނުލާ ވެރިކަން ހިންގާ ފަރާތުން ހުންނެވި ސަބަބާމެދު ސުވާލު އުފައްދަވާފައެވެ.

"ތިހިރީ ދައުލަތަށް ލިބެންވާ ފައިސާ މުއައްސަސާތަކުގަ ވެރިންނާ ގުޅިގެން ޖީީބަށް ލާންތޯ؟" ޙުސައިން ސުވާލު އުފައްދަވާފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސިނގިރެޓް ކޮންޓެއިނަރތައް އެތެރެކޮށްފައި ވަނީ "ބިންލާދިން ގްރޫޕް"ގެ ނަމުގައެވެ. އަދި މި ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 122 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެކަމަށް ވެއެވެ.

ދުންފަތް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓާއި ދުންފަތާއި ދުންފަތުގެ އިސްތިޢުމާލު ކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީ ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއާއި ގުޅިގެން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެ ކުރުމާއި، ވަގަށް އެތެރެކުރާ ސިނގިރޭޓުގެ ތެރެއިން ކަސްޓަމްސްއިން ހިފަހައްޓާ ސިނގިރޭޓް ގެއްލުމުގެ މައްސަލަތައް ދަނީ ޢާއްމުވަމުންނެވެ.

މި 1360 ކޭސް ސިގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގު ކަސްޓަމްސް އާއި ފުލުހުން ގުޅިގެން މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު