ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
މިސަރުކާރުން ހިންގާ މުޑުދާރު ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެކަމީ ޔަޤީންކަމެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ، ކެބިނެޓުން ބޭނުންވާ މަޝްރޫޢުތައް ވާދަވެރި ބިޑަކާއި ނުލާ ވަކި ބަޔަކަށް ދޫކުރެވޭ ގޮތަށް މާލިއްޔަތު ޤަވާއިދަށް ބަދަލު ގެނައުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން މީސްމީޑިއާގައި ރޭ ޙިއްސާ ކުރެއްވި މެސެޖެއްގައި މެންބަރު އައްބާސް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން ނިމުމުން މި ސަރުކާރުގައި ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ޤައުމަށް ޣައްދާރުވެ ޚިޔާނާތްތެރިވީ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ ކަމަށެވެ.

"އެދުވަސް ނާންނާނެ ކަމަށް ހިތުން ޤަބޫލުކޮށްގެން ދައުލަތުގެ 3 ބާރު މުށުތެރެއަށް ލައްވައިގެން އަދި މިނިވަން މުއައްސަސާތައް އަންބޮޑިއަށް ޖެހުމަށްފަހު ދުލަށްއައިހާ ދޮގުތަކެއް ހައްދަވައި ނާއިންސާފުން އެކި ފަރާތްތަކަށް ބިރު ދައްކާ، އަނިޔާ ކުރަމުން މިއަދު ތިހިންގަވާ މުޑުދާރު ކަންކަމަށް ޖަވާބުދާރީ ވާންޖެހޭނެކަމީ ޔަޤީންކަމެއް.." އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުގައި ފެންމަތިވެފައިވާ ބައެއް މައްސަލަތަކަށް އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ޤާއިމްވަމުން ނުދާކަމުގެ އަޑު ވަނީ ގަދަވެފައެވެ. ނަމަވެސް އޭސީސީން ވަނީ މިދިޔަ ސަރުކާރުގެ އިސްވެރިންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް އެބޭފުޅުން އެ ކޮމިޝަނަށް ޙާޟިރުކުރަން ފަށާފައެވެ.

އެގޮތުން ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އާއި ކުރީގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު ވަނީ އޭސީސީއަށް ހާޒިރު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު