ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މިހާރު ވެސް ކިޔަނީ ބަކަރިކޮށި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ، މަޖިލީހުގެ ފިރިހެން މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އެޅުން މަޖުބޫރުކޮށް އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.

އެގޮތުން މައުރޫފް ވިދާޅުވީ އިޙްތިރާމަކީ އަޅާ ޓައީ އަކުން ލިބޭ އެއްޗެއް ނޫން ކަމަށާއި، އެއީ ޢަމަލުކުރާ ގޮތުން ލިބޭ އެއްޗެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ރައްޔިތުން މެންބަރުންނަށް ދީފައިވާ ބާރުވެރިކަން އަތުލައި ސިޔާސީ ޕާޓީއަކަށް މެންބަރުގެ ގޮނޑި ގެއްލުވޭގޮތް ހެދުމުން ކަރާމާތާއި ގަދަރު ނުލިބޭނެކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

މަޖިލީހަށް ރައްޔިތުން މިހާރު ވެސް ކިޔަނީ ބަކަރިކޮށިކަން ފާހަގަ ކުރަށްވަމުން މައުރޫފް ވިދާޅުވީ، ވަޒީރުން މަޖިލީހަށް އައިސް ދޮގު މަޢުލޫމާތުދީ މަޖިލީހުގެ ކަރާމާތް ނަގާލާއިރުވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

"މަޖުބޫރު ކުރިއްޔާ އަޅުގަނޑުމެން ވަށައިގެން ޓައީ އަޅައިގެން މަޖިލީހަށް އަންނާނަން. އެކަމަކު ވަށައިގެން ޓައި އެޅިއަސް މި މަޖިލީހަށް ލިބޭނެ ގަދަރާއި ކަރާމާތެއް ދެން ނެތް." މިއަދު ވެސް މަޖިލީހަށް ޓައި ނާޅުއްވާ ވަޑައިގަތް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ހެދުން އެޅުމުގެ އުސޫލު 48 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު