އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް (މ)
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް (މ)
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އޭސީސީއަށް ޙާޟިރުކޮށްފިއެވެ.

ފައްޔާޒު އޭސީސީއަށް ޙާޟިރުކޮށްފައި މިވަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.

މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.

މިކަމާ ގުޅިގެން ފައްޔާޒް މީގެކުރިން ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށާއި، އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މި މައްސަލާގައި ފައްޔާޒްގެ ދިފާޢުގައި ސަޢުދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަޢުދު ވިދާޅުވީ، ސްވިފްޓު އިންޖިނިއަރިން އިން ކުރިއަށް ގެންދިޔަ 6 ޕްރޮޖެކްޓަކުން ރައީސް ޔާމީން ސަރުކާރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ ސްވިފްޓަށް ލިބުނު ގެއްލުމަށް ބޭނުންވަނީ ފައިސާތޯ ނުވަތަ ޕްރޮޖެކްޓުތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓަލްމެންޓު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ.

ސައުދު ވިދާޅުވީ އޭނާ ކޮމިޓީގައި އެދުނީ ވަކިކުރި ޕްރޮޖެކްޓުތަކަށް ވާ ފައިސާގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުގެ ވެލިއުއަށް ފެތޭ ޕްރޮޖެކްޓް ދިނުމަށް ކަމަށެވެ.

"އެހެންކަމުން ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވޭ، އެކަމަކު ވަކިކުރި 6 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓުގެ ވެލިއުއަށް ފެތޭ ގޮތަށް، 5 ޕްރޮޖެކްޓެއް ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓުގެ ބަދަލުގެ ގޮތުގައި ފައިސާވެސް އަދި ޕްރޮޖެކްޓެއްވެސް ދީފައި ނުވޭ" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވާނީ ފައިދާ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު