ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
މިނިވަން މުއައްސަސާތަކުން ސިޔާސީ ނުފޫޒުގައި ޖެހި އަމިއްލަ އެޖެންޑާގައި މަސައްކަތް ނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އިލްތިމާސް ކުރަށްވައިފިއެވެ.

ފައިސަލް މިފަދަ އިލްތިމާސެއް ކުރަށްވާފައިމިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުއްލި ގޮތަކަށް ދަޢުލަތުގެ ކުރީގެ ވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭސީސީއަށް ޙާޟިރުކުރަން ފެށުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފައިސަލް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުން އޭސީސީއަށް ހާޒިރުކޮށް، ސުވާލު ކުރުމުގެ ނަމުގައި މިހާރު ހިންގާ ކަންތައްތަކަކީ ސިޔާސީ ކުލަ ޖެހިފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި އެއީ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލިގެން ދާނެ ކަމެއް ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.

"މި ދަނޑިވަޅަކީ އެތައް ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ވަގުތަކަށް ވާއިރު، އިދިކޮޅު ޕާޓީގެ ބޭފުޅުންނަށް މިގޮތަށް ބިރު ދެއްކުމަކީ ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅެއް. މިހާރު ވެސް އިންސާފުން އެއްކިބާވެ، ވަކި ބަޔަކަށް އަމާޒު ކޮށްގެން ކަންކަން ކުރަމުން އަންނަކަން ރައްޔިތުން ޤަބޫލުކުރާ ވަގުތެއްގައި، މިގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ރައްޔިތުންގެ ޙައްޤުތަކާއި، ޑިމޮކްރަސީ އާއި ޤައުމުގެ ހަމަޖެހުމަށް ހުރަސް އެޅިގެންދާ ކަމެއް." ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު ފައިސަލް ވިދާޅުވީ، މިނިވަން މުއައްސަސާ ތަކުން މަސައްކަތް ކުރަން ވާނީ ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

"ސިޔާސީ ނުފޫޒުގައި ޖެހި، ވަކި އަމިއްލަ އެޖެންޑާއެއް އިސްކޮށްގެން މަސައްކަތް ނުކުރުމަށް މިނިވަން މުއައްސަސާތަކަށް އިލްތިމާސް ކުރަން." ފައިސަލް ވިދާޅުވެފައިވެއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އެކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު