ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ
ފާޅުކަން ބޮޑުގޮތެއްގައި އަނިޔާވެރިވުމަށް ގޮވި މީހާއާމެދު ޢަމަލު ކުރަނީ މާ ތަފާތުކޮށް ކަމަށް ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، މުޒާހަރާގެ ބައިވެރީންގެ ގައިގައި ތަޅައި އަނިޔާ ކުރުމަށާއި އެމީހުންގެ ގަޔަށް ބަޑި ޖަހަން ގޮވައިލި ޝުއައިބު އަލީގެ މައްސަލަ ބަލަން ފަށާފައިވާކަން ފުލުހުން ހާމަކޮށްފައި ވަނިކޮށެވެ. ޝުޢައިބު މިބީދައިން މީސްމީޑިއާގައި ވިދާޅުވީ، އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3 ގައި މާލޭގައި ބޮޑު މުޒާހަރާގެ ޙަރަކާތްތައް ކުރިއަށް ގެންދިޔަ ދުވަސްވަރުއެވެ.

އެގޮތުން ޝުޢައިބު ވިދާޅުވެފައިވަނީ، މުޒާހަރާގެ ބައިވެރިން، ހުއްދަ ދިން ގޮތާ ހިލާފުވާނަމަ، ތަޅައި ތިރިކޮށްލަންވީ ކަމަށާއި ބަޑިވެސް ޖަހަންވީ ކަމަށެވެ. އޭގެ އިތުރުން ޚިޔާލީ ޝަޚްސެއްގެ ގޮތުގައި މީސްމީޑިއާގައި ޙަރަކާތްތެރިވާ ޙަސަން ކުރުސީއަށް ނިސްބަތް ކޮށްވެސް ޝުޢައިބު ވަނީ އަނިޔާވެރިވުމަށް ހިތްވަރުދީ ކުރުސީ އެނގޭ ދުވަހަކުން ބޯ ކަނދުރާއިން ވަކި ކުރާނެ ކަމަށް ބުނެފައެވެ.

ޝުޢައިބުގެ އިންޒާރުތަކަށް ފުލުހުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާތީ މީސްމީޑިއާގައި ޢާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެންމެ ފަހުން ފުލުހުން ބުނެފައިވަނީ، އެފްބީ ޕޯސްޓަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ އަޅައިލުންކުޑަ މި އިޖާބައާއި ގުޅިގެން އިންތި ވިދާޅުވީ، ފެންނަމުންދަނީ "މާ ފާޅުކަން ބޮޑު ގޮތެއްގައި އަނިޔާވެރިވުމަށާއި މީހުންގެ ބޯ ކަނޑާނެކަމަށް ގޮވި މީހާއާ މެދު މާ ތަފާތު ބޮޑުކޮށް ފުލުހުން އަމަލުކުރަމުންދާތަން" ކަމަށެވެ.

މީސްމީޑިއާގައި ނުރައްކާތެރި އިންޒާރުތަކެއް ދިނުމަށްފަހު ޝުޢައިބުވަނީ އޭނާ ލިޔުނު ވާހަކަތަކުގެ ސަބަބުން އޭނާއަށް ފިޔަވަޅު ނޭޅޭނެ ކަމަށްވެސް ބުނެފައެވެ.

"ފޭކު އައިޑީ ހިންގާ މީހަކަށް، މަރުގެ އިންޒާރު ދިނީމަ، އަޅާ ފިޔަވަޅެއް އެނގިދާނެތާއެވެ. ނިކަން މަށަށް ފިޔަވަޅެއް އަޅާބަލަ." ޝުޢައިބު މީސްމީޑިއާގައިވެއެވެ.

ދާދިފަހުން އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ ފޯނުތައް ފުލުހުން ހިފަހައްޓާފައިވާއިރު، ޝުއައިބު ކުރި ޕޯސްޓުތަކާ ގުޅިގެން ފުލުހުން އޭނާގެ ފޯނު ހިފަހައްޓަން މަސައްކަތް ނުކުރާތީވެސް، ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު