ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް-
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް-
ހިޔާވެހި ފައިންނޭންސިންގ ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިންގ ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ 5 އިންސައްތައިގެ ރޭޓުގައި ފައިނޭންސިންގ ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

މި ސްކީމްގެ ދަށުން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމަނައިގެން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރު ދުވަހަށް ބަހާލެވޭ ކަމަށާއި، އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 އިންސާއްތަ ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އަދި މި ސްކީމުން އިމާރަތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުން ނުވާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާބޭންކެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލުން ނަގަންޖެހެނީވެސް ވަރަށްބޮޑު ޒިންމާއެއް ކަމަށާއި، އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ ކަމަށް ވިދާޅުވިއެވެ.

"ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. ހަގީގީމަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން.އެހެންކަމުން ހިޔާވެހި ފައިނޭންސިންގ ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން. އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް." ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ މިހާރުވެސް 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުން ދާކަމަށެވެ. އަދި ފައިނޭންސިން އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލާލެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު