ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު (މ)
ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު (މ)
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް، މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި މެންބަރުން 97 އިންސައްތަ މާރކްސް ދިން ނަމަވެސް މަޖިލީހުގެ ތަޅުމުން އޭނާގެ ނަން ފެއިލް ކޮށްލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ އިތުބާރު ނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެއްވި ގދ. މަޑަވެލި، މޭނާ، މަހާޒް ޢަލީ ޒާހިރުގެ ނަމެވެ.

އަދި ކޮމިޓީން ނަންތައް ދިރާސާ ކުރުމަށްފަހު ހުށައެޅި ލިސްޓުގައި 97 ޕަސެންޓް މާކްސްއާ އެކު އެއްވަނައިގައި ހިމަނާފައި ވަނީވެސް މަހާޒްގެ ނަމެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވޯޓުދެއްވީ އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށެވެ. އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓުދެއްވި އިރު ވަކި ގޮތަކަށް ވޯޓުނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.

މަޖިލީހުން މިއަދު ރުހުން ދިނީ ބ. ތުޅާދޫ، ގުލްބަހާރުގެ، އިބްރާހީމް އަފީފާއި ދ. މީދޫ އަކިރިވިލާ ޝަވްފާ އިބްރާހީމަށެވެ. ކޮމެޓީން މާރކްސް ދިން ލިސްޓުގައި އަފީފަށް 91 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި އިރު 83 ޕަސެންޓާއެކު ޝަވްފާ އޮތީ ތިން ވަނައިގައެވެ.

ކޮމެޓީން 97 އިންސައްތަ މަހާޒަށް ލިބުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި އަހަރުގެ މޭ 14 ވަނަ ދުވަހު ވަނީ މަހާޒްގެ އިތުބާރު ނެތް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު