އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ޙަވާލު ކުރަމުންދާއިރު، ފްލެޓް ލިސްޓުން އުނިވާނީ ހަމައެކަނި ޝަރުތު ހަމަނުވާކަން ޔަޤީން ކުރެވޭ މީހުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ޑރ. މުއްޠަލިބް މިހެން ވިދާޅުވީ، މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ބައެއް ފްލެޓްތައް ވިއްކަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، 15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް ކަމަށާއި، ޢަމަލު ކުރެވޭނީ އެ ލިސްޓާއެކު ކުރެވުނު އިޢުލާނުގައި ވާގޮތަށް ކަމަށެވެ. 15 ނޮވެމްބަރު 2023 ގައި ވެރިކަން ކުރަމުން ގޮސްފައިވަނީ ރައީސް ޞާލިޙް ލީޑު ކުރެއްވި އެމްޑީޕީގެ ސަރުކާރުންނެވެ.

"ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި. ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ. ލިސްޓަކަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ." ޑރ. މުއްޠަލިބް ވިދާޅުވެފައިވެއެވެ.

ޑރ. މުއްޠަލިބް މިހެން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު ފަހި ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ބުނެ އެކިއެކި ފަރާތްތަކުން ފުލެޓް ގަންނާނެ ފަރާތްތައް ހޯދުމަށް އާންމު ރައްޔިތުންނާ މުޢާމަލާތް ކުރަމުންދާކަން އެ ޖަމްއިއްޔާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން 4000 ފުލެޓްގެ ތެރެއިން 350 ފުލެޓް ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށާއި، ފުލެޓެއް 250،000 ރުފިޔާއަށް ވިއްކަން ހުށައަޅާއިރު، އެޑްވާންސަށް 100،000 ރުފިޔާ ދިނުމުން ލިސްޓުގައި ނަން ހިމަނައިދޭން ހުށައަޅާކަން ރައީސްގެ ސަމާލުކަމަށް ގެނައުމަށް ބޭނުންވާ ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު