މަރްޔަމް ނަހްދާ ވަޙީދު   26 ސެޕްޓެމްބަރު 2025 - 15:22
ބިދޭސީންތަކެއް-
ބިދޭސީންތަކެއް-
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިމަހުގެ މިހާތަނަށް 340 ބިދޭސީއަކު ޑީޕޯޓު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ނުގަވައިދުން އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންގެންދާ ބިދޭސީން ހޯދައި އެމީހުން ފޮނުވާލުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. މިގޮތުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމަށްވެސް ރައީސް ވަނީ ފާހަގަކުރެއްވާފައެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިފަހުން ގައުމީ ފެންވަރުގައި ފެށި އޮޕަރޭޝަނުގައި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި މާލެއިން އެކަނިވެސް 474 ވިޔަފާރިއެއް ބަލާފާސްކޮށްފައިވާކަމަށެވެ.

މި މަސައްކަތުގެ ތެރެއިން 959 ބިދޭސީންގެ މައުލޫމާތު ބަލާފައިވާ ކަމަށާއި، އޭގެ ތެރެއިން ނުގަވައިދުން އުޅުނު 108 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިމަހުގެ މިހާތަނަށް 110 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާއިރު، ޑިޕޯޓްކުރަން ތައްޔާރުވަމުންދަނިކޮށް އަމިއްލައަށް އެދިގެން 230 މީހަކު އެމީހުންގެ ގައުމަށް ފޮނުވާލާފައިވާކަމަށެވެ.

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން މިމަހުގެ 21 ވަނަ ދުވަހު ފަށާނޭކަން ރައީސް އިއުލާން ކުރެއްވީ ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައެވެ. މި އޮޕަރޭޝަން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާނޭކަމަށާއި، ހާއްސަ ގޮތެއްގައި ބޮޑެތި އާބާދީތައް ދިރިއުޅެމުންދާ ރަށްތައް ބަލާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު