މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ, ޢަލީ އިޙްސާން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ, ޢަލީ އިޙްސާން
ބިނާކުރަނިވި ފާޑުކިއުމާއި ރަނގަޅުކުރަންޖެހޭ ކަންކަމުގެ މަޝްވަރާ އަކީ ތަހުޒީބު މުޖުތަމައުއެއްގައި އޮންނަންވާނެ މުހިންމު ކަމެއްކަމަށާއި، އަދި އެކަމަށް ދިވެހި ފުލުހުން އަބަދުވެސް މަރުހަބާކިޔާނެކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ, ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ ދިވެހި ފުލުހުންނަކީ އަބަދުވެސް ވެރިން ރުއްސަން ގާނޫނުމުގުރާ ބައެއްކަމަށް ވިދާޅުވެ މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) އެކްސްގައި ކުރައްވާފައިވާ ޕޯސްޓަށް ރައްދުދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ދިވެހި ފުލުހުންނަކީ ދިވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤާނޫނުތައް ތަންފީޒުކުރުމުގައި އަގު ނުކުރެވޭފަދަ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް މުއައްސަސާއެއްކަމަށެވެ. ނަމަވެސް ކުރާ ހުރިހާ ކަމަކީ އެއްމެ ފުރިހަމަ ކަމަކަށް ނުވެދާނެކަމަށާއި، ބިނާކުރަނިވި ފާޑުކިއުމާއި ރަނގަޅުކުރަންޖެހޭ ކަންކަމުގެ މަޝްވަރާ އަކީ ތަހުޒީބު މުޖުތަމައުއެއްގައި އޮންނަންވާނެ މުހިއްމު ކަމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެކަމަށް ދިވެހި ފުލުހުން އަބަދުވެސް މަރުހަބާކިޔާނެކަމަށް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރގެ ރައްދުގައި، ނަފާ ނަސީމް ފަދަ އިލްމީ ބޭފުޅަކު ހުރިހާ ފުލުހުންނަށާއި އެ މުއައްސަސާއަށް ނިސްބަތްކޮށް ވިދާޅުވި ބަސްފުޅަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ބަސްފުޅެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.

"ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި. ނަމަވެސް މަނިކުފާނު ފަދަ އިލްމީ ބޭފުޅެއްކަމަށް ގިނަ މީހުން ޤަބޫލުކުރާ ބޭފުޅަކު ހުރިހާ ފުލުހުންނަށާއި އެ މުއައްސަސާއަށް ތި ވިދާޅުވި ބަސްފުޅަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ބަސްފުޅެއް. ބިނާކުރަނިވި ފާޑުކިއުމާއި ރަނގަޅުކުރަންޖެހޭ ކަންކަމުގެ މަޝްވަރާ އަކީ ތަހުޒީބު މުޖުތަމައުއެއްގައި އޮންނަންވާނެ މުހިއްމު ކަމެއް. އެކަމަށް ދިވެހި ފުލުހުން އަބަދުވެސް މަރުހަބާކިޔާނެ." މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.



ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކުރިއިރު އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށްބުނާ މައްސަލައާއި ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ނަފާނަސީމް ވިދާޅުވީ ފުލުހުންނަކީ އަބަދުވެސް ވެރިންރުއްސަން ގާނޫނުމުގުރާ، ދޮގުހަދާ، އޮޅުވާލާ ބައެއް ކަމަށެވެ. އަދި ފުލުހުންގެ ސިޔާސީ އެޓިޓިއުޑްގެ ސަބަބުން ރައްޔިތުންނަށް ނުހައްގު އަނިޔާލިބި، ވެރިންނަށް ކުށްކުރަންށާއި އަނިޔާވެރިވުމަށް ފުރުސަތު ލިބޭ ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ.

ފުލުހުން ހުސައިން ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ ނެގި ކަމުގެ ތުހުމަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު