އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޙައްމަދުމުޢިއްޒު ވިދާޅުވީ ޖުޑީޝަރީއަށް ދައުލަތުގެ އާމްދަނީން ވަކި ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ މި މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި، ޖުޑިޝަރީއަށް މާލީ އަދި އިދާރީ މިނިވަންކަން ހޯދައިދިނުމަށް، އަންނަ އަހަރުން ފެށިގެން ފާހަގަކުރެވޭ ބަދަލުތަކެއް ގެންނެވުމަށް ކެބިނެޓުގައި އިއްޔެ މަޝްވަރާކުރައްވައި، ގޮތަށް ނިންމަވާފައިވާކަމަށެވެ.



އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށްޓަކައި އެކުލަވާލެވޭ ނިޒާމެއްކަމަށާ، މި ނިޒާމުގެ ދަށުން، ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބަޖެޓުން ކަނޑައެޅޭ މި އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމަށް ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި، ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު