އިބްރާހިމް ފަހީމް   30 އޯގަސްޓު 2025 - 1:16
ރައީސް ފުރާވަޑައިގެންނެވުމުގެ ތެރެއިން -
ރައީސް ފުރާވަޑައިގެންނެވުމުގެ ތެރެއިން -
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުކުރު ދުވަހު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވަކީން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ 6 ޤައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ.

2001 ވަނަ އަހަރު އެ ޖަމުޢިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ. އަދި އޮބްޒަރވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ޤައުމުތައް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.



ކިޔުންތެރިންގެ ހިޔާލު