ރައީސް ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން
ރައީސް ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން
ބ. ހިތާދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެރަށު ކައުންސިލުން ހިއްސާ ކޮށްފިއެވެ.

ކައުންސިލުން އެކަން ހިއްސާކޮށްފައި ވަނީ ރައީސް ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުުޅުގައި އެރަށަށް ވަޑައިގެން ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން އޮތުމާއި، ބޯހިޔާވަހިކަމަށް އަމާޒުކޮށް ރަށުގައި ފުރުސަތުތައް ގާއިމުކުރުމާއި ބަނދަރުގެ ދަތިކަމާއި ނެރުފައިކަށި މިހާރު ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން މެމްބަރުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތަކާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ހުށައެޅީ އެރަށުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމަށެވެ.

ރަށުގެ މުއައްސަސާތަކަށް ދިމާވެފައިވާ ބައެއް ދަތިތައް ހިއްސާ ކުރަމުން މި ބައްދަލުވުމުގައި ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން ހިމެނެއެވެ. އަދި ހިތާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު