ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް، އަދި އެމްޑީޕީގެ ޗެއާޕާސަން-
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް، އަދި އެމްޑީޕީގެ ޗެއާޕާސަން-
ތިމާވެށި ހިމާޔަތް ކުރުމުގެ މައިގަނޑު ޒިންމާ އަދާ ކުރަމުން އައި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ސަރުކާރުން ގެނައި ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީގެ އިސްވެރިން އެކަމަށް ވަރަށް ފާޑުވިދާޅުވެއްޖެއެވެ.

މީގެ ކުރިން އީޕީއޭ ހިންގަމުން އައީ ގަވަނިން ބޯޑެއްގެ ލަފާގެ މަތިންނެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އީޕީއޭގެ ނަން އެންވަރަމެންޓަލް ރެގިއުލޭޝަން އޮތޯރިޓީގެ ނަމަށް ބަދަލުކޮށް، އެއީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލު ގެންނަވާފައި ވަނީ، އީޕީއޭއިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައެވެ.

މި ބަދަލާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީޕީއޭ އުވާލައި އެތަނުގެ މަސްއޫލިއްޔަތުތައް ޓުއަރިޒަމް މިނިސްޓްރީއަށް ބަދަލު ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށާއި ތަރައްގީ އާއި ކޮންޒަވޭޝަން ބެލެންސް ކުރަން ކުރަމުން އައި މަސައްކަތުގެ ތެރޭގައި ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

އަދި އީޕީއޭގެ ރެގިއުލޭޓަރީ ދައުރު ހަރުދަނާ ކުރުމުގެ ފުރުސަތު އޮއްވައި، އެތަނުގެ މިނިވަންކަން ނަގާލުމަކީ ބޮޑު މައްސަލައެއް ކަމަށާއި، މިއީ ބާރުތައް ޖަމާ ކުރަން މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ނިޒާމަށް ގެންނަ އެފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ނިޒާމަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި އިގްތިސާދު އިތުރަށް ބަލިކަށިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



މިކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އީޕީއޭގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި އެއީ ސަރުކާރާ ވަކިން ހިންގާ އިދާރާއެއްގެ ގޮތުގައި އޮތުން މުހިންމު ކަމަށެވެ. އަދި އީޕީއޭ އުވާލައި، ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއަށް އެތަނުގެ މަސްއޫލިއްޔަތުތައް ވެއްދުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.



އީޕީއޭގެ ނަން ބަދަލުކޮށް، އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ގެނައުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އީޕީއޭ އުވާލަން ނިންމި ނިންމުން ވެގެންދާނީ ތިމާވެށި ހިމާޔަތް ކުރަން ކުރަމުން އައި މަސައްކަތްތައް ނެތިގެންދާނެ ފަދަ ނިންމުމަކަށް ކަމަށެވެ.



"ދިވެހިރާއްޖެއަކީ ތިމާވެށި ހިމާޔަތް ކުރަން އަބަދުވެސް ވަކާލާތު ކުރަމުން އައި ގައުމެއް. އަހަރުމެން ގަބޫލު ކުރަމުން އައީ ތަރައްގީ ގެންނަންވާނީ ތިމާވެށި ގުރުބާންނުކޮށް ކަމަށް. އެކަމަކު އީޕީއޭ އުވައިލަން ނިންމި ނިންމުން ވެގެންދާނީ އެ ވިސްނުމާ ދެކޮޅު ސިޔާސަތަކަށް،" ޝާހިދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު