ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެމްބަރަކު އެ ޕާޓީން ވަކިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށެވެ. އައްބާސް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތަށް ބަންޑުންކޮށްލަމުން ބައެއް މެންބަރުން ސަރުކާރުން ގެންގުޅޭ ނުރަނގަޅު ސިޔާސަތުކަށް ބަސް ނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެ ކަމަށާއި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ހައްޤުބަސް ބުނަން ނިކުންނާނެ ކަމަށް ވިދާޅުވި ކަމަށް އައްބާސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކުއްލި ކުއްލި ކަންކަން ކުރައްވާތަން ބަލަން ނުތިބޭނެ ކަމަށާއި އަދި މަޝްވަރާ ކުރުމެއް ނެތި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖިލީހަށް ހުށައަޅުއްވާ ބިލަތަކަށް ވޯޓު ނުދެއްވާނެ ކަމަށްވެސް ގިނަ މެންބަރުންތަކެއް ވަނީ ވިދާޅުވެފައި،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވިގޮތުގައި ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅިއެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑުކިޔަމުން ދިޔައިރު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މެންބަރު އިބްރާހިމް ހުސައިން (ޑްރީމްސް އިއްބެ)އެވެ. އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީގެ އުދާސްތައް ބޭރުކޮށްލައްވަމުން މިގޮތަށް މިކަން ތަކުރާރު ކުރައްވާ ނަމަ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

މީގެއިތުރުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅުއްވައި ފާސްކުރައްވާފައި ވަނީ މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވި ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ބުދަ ދުވަހު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުން ވަރަށް ހޫނުވެގެން ދިއުމުގެ ސަބަބުން އިއްޔެ ބޭއްވުމަށް ނިންމި ޕީޖީ ގްރޫޕްގެ ބައްދަލުވުން ނުބާއްވާ ކަމަށް ޕީއެންސީގެ މެމްބަރުންނާއި ހަވާލާދި އައްބާސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު