ދަސްވެނިވެފައިވާ ހާފިޒުންތަކެއް
ދަސްވެނިވެފައިވާ ހާފިޒުންތަކެއް
ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ދެމުންއައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑު ކޮށްފިއެވެ.

ހާފިޒުންގެ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ބުނީ ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން ޙާފިޒުންގެ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށް، ބޮޑުކުރި އެލަވަންސް މިހާރުވަނީ ޙާފިޒުންނަށް ޖަމާކޮށްދީފައެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރެކޯޑްތަކުން ދައްކާގޮތުން، މި ވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ. އަދި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މި ވަގުތު 1،434 ދަރިވަރުން އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުންނާއި 651 ފިރިހެނުންނެވެ.

ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ. އެގޮތުން މާލެ ގޮފީގައި މި ވަގުތު 424 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު، ހުޅުމާލޭ ގޮފީގައި 155 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން ދެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން ކިޔަވަމުން އަންނަނީ ޢިލްމު އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގައެވެ. އެތަނުގައި 127 ދަރިވަރަކު އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.

އަތޮޅުތެރެއަށް ބަލާ އިރު، އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ރ. ކިނޮޅަހުގައި ހިންގާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގަ އެވެ. އެ ގޮފީގައި 80 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ފުވައްމަލަކުގައި ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. އެއީ 67 ދަރިވަރުންނެވެ.

ހާފިޒުން ދަސްވެނިވުމުމުގެ ރަސްމިއްޔާތު އަލަށް ބޭއްވީ މި އަހަރުއެވެ. އެގޮތުން ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާއިރު، މިއަހަރު 24 ހާފިޒުން ދަސްވެނިވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު