ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސް
ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސް މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި ޖަސްޓިސް ބިލްޑިންގ އެނެކްސް ގައި 15 ކޯޓްރޫމް ހުންނާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ ކުރީގެ ކޮވިޑް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ، ޖަސްޓިސް ބިލްޑިންގ އެނެކްސްގެ އެއް ފްލޯގައި ހިނގަމުން ދާނީ ޑްރަގް ކޯޓް ކަމަށެވެ. އެގޮތުން އެ ޢިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ހާއްސަ 10 ކޮޓަރި އާއި ޑްރަގް ކޯޓަށް ޚާއްސަ ފަސް ކޮޓަރި ހުންނާނެ ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.

މި ޢިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ ވިދާޅުވީ، އެ ޢިމާރާތުގައި ދައުލަތުގެ ވަކީލުންނާއި، ދިފާއީ ވަކީލުންނަށް ޚާއްސަ ރޫމް ތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ޢިމާރާތުގައި ފަނޑިޔާރުންނަށް ހާއްސަކޮށް 17 ކޮޓަރި ހުންނާނެ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ. އެއީ ކްރިމިނަލް ކޯޓަށް 12 އަދި ޑްރަގް ކޯޓަށް ފަސް ކޮޓަރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކޮށްފައި މިވަނީ އެ ކޯޓު މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭވަރު ވެފައިވާތީއެވެ. އަމްޖަދު މިއަދު ވިދާޅުވެފައިވަނީ، އާ އިމާރާތުގެ ފަސޭހަތަކާއެކު، ޝަރީއަތްތައް އަވަސްވެ ކޯޓު ރޫމް މަދުވުމުގެ ޝަކުވާ މިވަގުތަށް ހައްލު ވާނެ ކަމަށެވެ.

ހަމައެއާއެކު އަމްޖަދު ވަނީ، މާލޭގައި ހިންގާ ސުޕީރިއަރ ކޯޓުތަކާއި މަތީ މަރުޙަލާތަކުގެ ކޯޓުތަކާއި ރަށްރަށުގައި ހިންގާ މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށް ވިދާޅުވެފައެވެ.

“10 މެޖިސްޓްރޭޓް ކޯޓެއް ހިންގަމުންދަނީ ގެއެއް ކުއްޔަށް ހިފައިގެން. 53 މެޖިސްޓްރޭޓް ކޯޓު ހިންގަމުންދަނީ ކައުންސިލް އިދާރާތަކުގެ އިމާރާތުގެ ތެރޭގައި.” އަމްޖަދު މުސްތަފާ ވިދާޅުވިއެވެ.

އޭގެއިތުރުން އަމްޖަދު ވިދާޅުވީ ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށް ޝަރުޢީ އަދި އިދާރީ ލިޔުންތަކާއި ކުށާއި ދަރަނީގެ ރިކޯޑުތައް ޑިޖިޓަލައިޒްކުރުން މުހިންމު ކަމަށެވެ. އަދި ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށްފިނަމަ، ކޯޓުތަކުގެ ޖާގަ އިތުރަށް ތަނަވަސްކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަވާނެކަމަށްވެސް އަމްޖަދު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު