ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މިހާރު ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒަށް އެމަނިކުފާނުގެ ޓީމާ މެދު އިތުބާރު ނެތިގެން އުޅުއްވާތަންކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމްހީދު މިރޭ ވިދާޅުވީ، މިހާރު ފެނިގެންދަނީ މިނިސްޓްރީތަކުން ނިންމަންޖެހޭ މުހިންމު ކަންކަން ރައީސް އަމިއްލަފުޅަށް ނިންމަވައި، އެކަންކަން އިއުލާނު ކުރައްވަމުން ގެންދަވާތަން ކަމަށެވެ.

އަދި ހާއްސަކޮށް މާލީ ކަންކަން ވެސް އެގޮތަށް ނިންމަވަމުން ގެންދަވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެކަން ކުރައްވަން ޖެހިވަޑައިގަންނަވަނީ އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުންނާ މެދު އިތުބާރު ނެތުމުން ކަމަށެވެ. ނޫނީ ކެބިނެޓު ފެއިލްވުމުން އެމަނިކުފާނު އެގޮތަށް ކަންކަން ކުރައްވަމުން ގެންދަވަނީ ކަމަށް ގަބޫލު ކުރެއްވޭކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

"ކެބިނެޓު ފެއިލްވެއްޖެކަން އަޅުގަނޑުމެންނަށް އެބަ އެނގޭ، ދެން ރައީސް އިތުބާރެއް ވެސް ނުކުރައްވާ، ކެބިނެޓު ވަޒީރުން މަޖިލީހުގައި ދެއްކި ވާހަކަ ވެސް ދިމައެއް ނުވޭ. އިކޮނޮމިކް މިނިސްޓަރު ދެއްކެވި ތަސައްވުރުގެ ވާހަކަ ހަގީގަތުގައި އޮތީ ފެއިލްވެފައި" ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު މިހެން ވިދާޅުވެފައި މިވަނީ، މި ފަހުން ބައެއްކަހަލަ ނިންމެވުންތައް ކުއްލިގޮތަކަށް ނިންމަވައި އެކަން ރައީސް އަމިއްލަފުޅު މީސްމީޑީއާ އެކައުންޓުތަކުން އާންމުކުރައްވަމުން ގެންދަވާފައިވަނިކޮށެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރާ ބަލިމީހުންނަށް އިތުރު ޑޮލަރު ލިބޭނެގޮތް ހަމަޖެއްސެވިކަން އިއުލާނު ކުރެއްވުމާއި ސްޓޫޑެންޓު ލޯނުތައް ޝަރުތުފުރިހަމަވި ހުރިހާ ދަރިވަރުންނަށް ދޭން ނިންމެވިކަން އިއުލާނު ކުރެއްވުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު