މަނަދޫގައި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ފެށުން
މަނަދޫގައި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ފެށުން
ނ. މަނަދޫގައި ދިވެހި ޕާސްޕޯޓު ހެެއްދުމުގެ ހިދުމަތް ފަށައިފި އެވެ.

މަނަދޫގައި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިހްސާނެވެ.

ދާޚިލީ ވުޒާރާއިން ބުނީ މަނަދޫގައި މި ހިދުމަތް ފެށުމާއެކު، ނ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.



އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

އެގޮތުން، ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙް ކޮށްފައެވެ.

އަދި މަނަދޫގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު ޖުމްލަ 11 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު