އައިޖީއެމްއެޗް
އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުވުމުން އަމިއްލަ ޖީބުން ހަރަދު ނުކޮށް އައިނު ހެއްދޭނެ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެއެވެ.

އައިނުގެ ވިޔަފާރީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މެއި މަހުއެވެ.

އައިޖީއެމްއެޗްގައި ހުޅުވާ އައިނު ފިހާރައިގެ މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ މިމަހު ފަހުކޮޅު އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުވާނެ ކަމަށެވެ.

އައިޖީއެމްއެޗްގައި އައިނުގެ ވިޔަފާރި ކުރާނީ އެ ހޮސްޕިޓަލުން އަމިއްލައަށް ފްރޭމާއި ލެންސު ބޭރުން ގަނެގެންކަމުން، އެ ތަނުގައި ހުންނަ އައިނުގެ އަގުތައް، އާސަންދައިގެ ރޭޓަށް ވުރެ ބޮޑު ނުވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އެހެންކަމުން އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް، އައިނު ހެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އައިނު ފިހާރައިން ލޮލުގެ ނަމްބަރު ނެގުމުގެ ހިދުމަތް ދޭނެ ކަމަށާއި، އަދި އެހެން ތަނަކުން ނަމްބަރު ނަގައިގެން ވެސް އެ ހޮސްޕިޓަލުން އައިނު ލިބޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ މި އައިނު ފިހާރަ ހުޅުވާނީ އައިނު ފިކްސް ކުރެވޭ ގޮތަށް ވޯކްޝޮޕަކާވެސް އެކުގައި ކަމަށެވެ.

އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު، ސަރުޖާރުން ވަނީ އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1000ރ، ވެސް މިދިޔަ މަހުން ފެށިގެން 2،000ރ. އަށް ބޮޑުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު