ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާޢު ބައިވެރިވެވަޑައިގަންނަވަނީ (ކ)
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާޢު ބައިވެރިވެވަޑައިގަންނަވަނީ (ކ)
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބަލިކުރަން ވަރަށް ފަސޭހަވާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީން ރޭ ބޭއްވި ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބަލިކުރުމަކީ ޕީއެންސީ އަށް ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. ރައީސް ޑރ. މުޢިއްޒުގެ ތާއިދާއެކު ލޯކަލް ކައުންސިލް އިންތިހާބަށް ނިކުންނަ ކެންޑިޑޭޓުންނާއެކު މާލޭ ސިޓީކައުންސިލްގެ މެޖޯރިޓީ ޕީއެންސީން ނަގާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިހާބަށް ދާއިރުގައި އަޅުގަނޑުމެންނަށް އެމްޑީޕީ ބަލިކުރަން ވަރަށް ފަސޭހަވާނެ، "އެހެންވެގެން މި ދެންނެވީ ލޮބުވެތި މެންބަރުންނޭ، ރަށްރަށުގައި ތިއްބަވާ ޕާޓީގެ ސަޕޯޓަރުންނޭ، ތިޔަބޭފުޅުން ހިތްވަރު ކުރައްވާ. އިރާދަފުޅު ކުރެއްވިއްޔާ ތިޔަބޭފުޅުން އެދޭ ވެރިކަން އިރާދަފުޅު ކުރެއްވިއްޔާ ރައީސް މުއިޒުގެ ސަރުކާރުން ކޮށްދޭނެ. ތިޔަބޭފުޅުންގެ ދަރިންނަށް ހިތް އުޖާލާކަށް މި ވެރިކަމުން އިރާދަފުޅު ކުރެއްވިއްޔާ ގެނެސްދޭނެ." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނާ ވާދަކުރާނީ ކޮންބޭފުޅެއްގެ ކެންޑިޑޭޓެއް ކަމެއް ނޭނގޭ ކަމަށެވެ. އެގޮތުން، އިބޫ (ކުރީގެ ރައީސް ސޯލިހު)ގެ ކެންޑިޑޭޓެއް ކަމެއް، ފައްޔާޒުގެ ކެންޑިޑޭޓެއް ކަމެއް، ޢަބްދުﷲ ޝާހިދުގެ ކެންޑިޑޭޓެއް ކަމެއް، ނުވަތަ ރައީސް ޔާމީންގެ ކެންޑިޑޭޓެއް ކަމެއް، ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕާޓީން ރައީސް މުއިއްޒުގެ ތާއީދާ އެކީގައި ނުކުންނަ ކެންޑިޑޭޓާ އެކީގައި މާލެ ސިޓީ އަޅުގަނޑުމެން ކާމިޔާބުކުރާނަން އިރާދަފުޅު ކުރެއްވިއްޔާ،" ޝުޖާޢު ވިދާޅުވިއެވެ.

މާލޭ ސިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޖާޢު ވަނީ އެމްޑީޕީގެ ވެރިކަމުން މާލޭގެ ތަރައްޤީ އަށް ކުރިކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީ އަށް ފާޑުވިދާޅުވެފައެވެ.

"މާލެއަށް ނޯންނާނެ އެމްޑީޕީ ވެރިކަމުން ކުރި މޮޅެއް ނޯންނާނެ. ނޯންނާނެ އިނގޭތޯ؟ އެގާރަ އަހަރު މާލެ ސިޓީ ހިންގިއިރު ނޯންނާނެ،" ޝުޖާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާޢު ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގައި ފެށި މަގު ހެދުމުގެ މަސައްކަތަަކަށް ތައުރީފުކުރައްވާފައެވެ. "ރައީސް މުއިޒުގެ ވެރިކަމުގައި މާލޭގައި ﷲގެ ހެޔޮ ރަހުމަތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މަގު ހެދުމުގެ މަސައްކަތް ފެށިގެން އެބަދޭ،" ޝުޖާޢު ވިދާޅުވިއެވެ.

އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަމާނުގައި މާލޭގައި ފެންހޮޅިލާ ނަރުދަމާ ނިޒާމު ޤާއިމުކޮށް، ހުރިހާ މަގެއް ހަދާފައިވާ ކަމަށް ފާހަގަކުރައްވާ، އެމްޑީޕީ ވެރިކަމުގައި ކުރި ކަމަކީ ހުރިހާ ތަރައްޤީގެ މަޝްރޫޢެއްގައި ހުޅުޖެހުން ކަމަށް ވިދާޅުވެ ޝުޖާ އެމްޑީޕީއަށް ފާޑުވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު