މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަޒާން
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަޒާން
އަމިއްލަ މުދަލާއި އުފެއްދުންތައް ހިމާޔަތްކުރުމަށް އަދިވެސް އިތުރު ގާނޫނުތައް ބޭނުންވާ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު މިއަދު ހުށަހެޅުއްވި ’ޓްރޭޑްމާކްގެ ބިލަށް‘ ބަހުސްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އަޒާން ވިދާޅުވީ ޓްރޭޑް މާކާއި ކޮޕީރައިޓްސްއަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށެވެ. އަދި ކޮޕީރައިޓްސްގެ ގާނޫނެއް އޮތުމުން އެފަދަ ބިލެއް މުހިންމު ނޫން ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އެއީ މުހިންމު ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓްރޭޑްމާކުން ހިމާޔަޑް ކޮށްދެނީ ބްރޭންޑު، އަދި ކޮޕީރައިޓްސް އިން ހިމާޔަތް ކޮށްދެނީ އުފެއްދުންތެރި މަސައްކަތްތައް." އަޒާން ވިދާޅުވިއެވެ.

އެހެންކަމުން ޓްރޭޑްމާކް ބިލަކީވެސް މުހިންމު ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަހުސްގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖޭގައި އުފައްދާ ބައެއް އުފެއްދުންތަކަށް ހިމާޔަތްނުލިބޭތީއެވެ. އެ ޚިޔާލަށް ތާއީދުކުރައްވައި އަޒާން ވިދާޅުވީ ހަމައެކަނި ޓްރޭޑްމާކް ބިލަކުން ވެސް އެފަދަ ހިމާޔަތެއް ފުރިހަމައަށް ލިބޭނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

އަޒާންގެ ވާހަކައިގައި ވިދާޅުވީ މިފަދަ އުފެއްދުންތަކަށް ހިމާޔަތް ލިބޭނީ އިތުރު ގާނޫނުތައް ވެސް އައިސްގެން ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ނެތް އެއްޗަކީ ’ޕޭޓެންޓް‘ ގާނޫނެއް ކަމަށާއި އެފަދަ ގާނޫނަކުން އާ އުފެއްދުންތަކަށް ހިމާޔަތް ލިބޭ ކަމަށް އަޒާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު