މަރްޔަމް ނަހްދާ ވަޙީދު   8 ޖުލައި 2025 - 16:46
ވޯޓާ ބަންކަރިން އަށް ހާއްސަކޮށްފައިވާ އުޅަނދު،
ވޯޓާ ބަންކަރިން އަށް ހާއްސަކޮށްފައިވާ އުޅަނދު،
ލ. ފޮނަދޫގައި ބަނދަރަކާއި ބަންކަރިންގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ހުރި އަދި ޝައުގުވެރިވާ ކުންފުނިތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިންޑިއާ ކަނޑުގެ މުހިއްމު ސަރަހައްދެއްގައި އޮންނަ "ވަން އެންޑް އަ ހާފް ޑިގްރީ ޗެނަލް" ކައިރިން ފޮނަދޫގައި ބަންކަރިންގެ ހިދުމަތާ އެކު ބަނދަރުގެ ހިދުމަތް ލިބޭ ގޮތަށް ތަރައްގީ ކުރަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ބޭނުން ހިފުމުގެ ގޮތުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫޢުއަށް ފުރުސަތު ހުޅުވައިލީ، އެފަދަ މަޝްރޫޢުއަކަށް އަމިއްލަ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުންނަ މިންވަރު ބެލުމަށާއި، ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭ މިންވަރާއި އެ ތަނުން މާލީ ފައިދާ ލިބޭނެ ގޮތްތައް ދެނެގަނެ، އެތަން ހިންގާނެ ވިޔަފާރި މޮޑެލްތަކަށް ހިޔާލު ހޯދުމަށެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ކާގޯ، ޓޭންކަރު އަދި ސާވިސް އުޅަނދުފަހަރަށް ހިދުމަތް ދޭނެ "ޑީޕް ވޯޓާ ޕޯޓެއް" ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން ޓްރާންސިޓް އުޅަނދުތަކަށް ބަންކަރިން އަދި ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތާއި، ތެޔޮ ރައްކާކުރެވޭނެ ގޮތްތައް ތަރައްގީކުރުމެވެ.

މީގެއިތުރުން މެރިން ސަޕޯޓް އިންފްރާސްޓްރަކްޗަރާއި ހުރިހާ މޫސުމެއްގައި ވެސް ބަނދަރުން ފަސޭހަކަމާ އެކު ހިދުމަތް ދެވޭނެހެން ސާވިސް ކުއޭ އަދި ބްރޭކް ވޯޓާ ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު