ވީއައިއޭގެ އާ ޓާމިނަލް --
ވީއައިއޭގެ އާ ޓާމިނަލް --
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވާ ހަފުލާގެ ކަންކަން އިންތިޒާމު ކުރުމަށް އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލުން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ، ރާއްޖެޓީވީން ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ ހަފުލާގެ ކަންކަން އިންތިޒާމު ކުރުމަށް އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ބުނެ ހަބަރު ފަތުރާފައިވާތީ ނެރުނު ބަޔާނެއްގައެވެ.

ރާއްޖެޓީވީން ބުނެފައިވަނީ ފަސް މިލިއަން ޑޮލަރަށް އެކަން ހަވާލުކޮށްފައި ވަނީ ބަނާނާ ސްޕްލިޓް ކިޔާ ކުންފުންޏަކާ ކަމަށެވެ.

އެއާއި ގުޅުވައި އެމްއޭސީއެލުން ނެރުނު ބަޔާނުގައި ބުނީ، އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ކަންކަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ހަވާލުކުރަން ނިންމާފައިވާކަމަށް ބުނެ ފަތުރާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއްކަމަށެވެ.

އެ ކުންފުނިން ބުނީ، އެމްއޭސީއެލްއަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ވެފައި ދިވެހީންގެ ވިންދާ ނުގުޅޭ ޒާތުގެ އެއްވެސް އަމަލެއް ކޮށްފައި ނުވާނޭކަމަށާއި އަދި އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާ މުއާމަލާތު ކޮށްފައި ނުވާނޭކަމަށް ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، ރާއްޖެޓީވީން ފަތުރަމުންދާ ވާހަކަތަކަކީ އެ ކުންފުނީގެ އަގުވައްޓާލުމަށް ކުރަމުންދާ ކަމެއްކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ގައުމުގެ މައި ދޮރާށި ބަލަހައްޓާ ފަރާތާއި ގުޅޭގޮތުން އެފަދަ އިތުބާރު ނުހިފޭ ވާހަކަތަކެއް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

އެމްއޭސީއެލްގެ ބަޔާނުގައި ވަނީ އެފަދަ ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ ބްރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރާ އިދާރާތަކަށް އެ މައްސަލަ ހުށަހެޅުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވަރަށް ބޮޑަށް ދަނީ ތައްޔާރު ވަމުންނެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ ރަސްމިއްޔާތަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އާ ޓާމިނަލް ހުޅުވުން އޮތީ މި މަހުގެ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އުފާވެރި މުނާސަބަތާއި ގުޅުވައި އާ ޓާމިނަލް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.



ކިޔުންތެރިންގެ ހިޔާލު