ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އާ ގިމަތަ ކުރިމަތީގައި އިންދާފައި ހުރި ކަދުރުރުއް. ފޮޓޯ: އައްސަން
ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އާ ގިމަތަ ކުރިމަތީގައި އިންދާފައި ހުރި ކަދުރުރުއް. ފޮޓޯ: އައްސަން
ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ނުހަނު މަޝްހޫރު "ޓްރޮޕިކަލް" މަންޒިލެކެވެ. މި ރާއްޖެ ފަޅުފިލުވައި، ދިވެހިވަންތަ ސިފަ ގެނެސްދޭ އެކައްޗަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ "ޓްރޮޕިކަލް" ވަންތަ ސިފަ ގެނެސްދޭ ގޮތަށް ގިނަ އަދަދަކަށް ހެދިފައިވާ ދިވެހިރުކެވެ. ނަމަވެސް، މިއަދު އެ ސިފަ ބަދަލުވަމުންދާ ކަމުގެ ހިތާމަވެރި މަންޒަރުތައް ދަނީ ފެންނަމުންނެވެ. ދިވެހިރާއްޖެ އަރަބިކަރައިގެ ސަހަރާއަކަށް ހަދައި، މުޅި ޤައުމުގައި ކަދުރުރުއް އިންދުމުގެ ބޮޑު މަޝްރޫއެއް ވަނީ ފެށިފައެވެ.

މިކަން ފެށިގެން އައީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރުގައެވެ. އެމަނިކުފާނު މޭޔަރުކަމުގައި، މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅުގައި އެއްކޮޅުން އަނެއްކޮޅަށް ކަދުރުރުއް އިންދިއެވެ. އަދި މި މަގުގެ ހުޅަނގުކޮޅުގައި ވެސް ކަދުރުރުއް އިންދާ، މާލޭގެ މޫނުމަތީގެ ބޮޑު ބަޔެއް ކަދުރުރުކުން ފުރާލިއެވެ. އޭގެ ފަހުން މާލޭގެ މޭޔަރަކަށް ހޮވުނު އާދަމް އާޒިމް ވެސް އަންނަނީ މުއިއްޒުގެ ފަހަތްޕުޅުން މާލޭގެ އެތަންމިތަން ކަދުރުރުކުން "ޒީނަތްތެރި" ކުރަމުންނެވެ



މާލެއިން ފެށި މިކަން، އޭގެ ފަހުން ރާއްޖެތެރޭގެ ރަށްރަށަށް ވެސް ފެތުރިގެން ދިޔައެވެ. މާލެއިން ފެނުނު ކަންކަން ކޮޕީކޮށް، ގިނަ ރަށްރަށުގެ ބަނދަރުމަތީގައި ކަދުރުރުއް އިންދަން ފެށިއެވެ. އެންމެ ފަހުން އެންމެ ހީނުކުރާ އައްޑޫ ސިޓީން ވެސް މިކަން ކޮޕީކޮށް އައްޑޫގެ މަގުތަކުގައި ވެސް ކަދުރުރުއް އިންދިއެވެ. އައްޑޫ ލިންކު ރޯޑުގެ އަތިރިއާވީ ފަޅީގައި އޮތް ތާރުއެޅި ދުވާރު އެގޮތްމިގޮތަށް ތަޅައި ހަލާކުކޮށްލާފައި، އަތިރިމަތީގައި ސިފަ ހުތުރުކޮށް ހުރި ކަދުރުރުއްތައް އިންދިއެވެ. ލިންކު ރޯޑުގައި އާރޭފޫގައި އޮތް ރީތި ދިވެހިރުއްފަށަލަ ކަނޑާ ތިރިއަރުވާލާފައި، މޭޔަރު ނިޒާރުމެން ކަދުރުރުއް އިންދީ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންގެންދަނިކޮށެވެ. އަދި ހިތަދޫގެ ފުޅާ ބޮޑެތި މަގުތަކުގައި ހިޔާދޭ ގަސް އިންދުމުގެ ބަދަލުގައި ވެސް ހިޔާނުދޭ ކަދުރުރުއް އިންދިއެވެ.



މިހާރު އެންމެ ފަހުން ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ އާ ގިމަތަ (ޓަރމިނަލް) ކުރިމަތީގައި ވެސް އެ އިންދީ ހުސް ކަދުރުރުކެވެ. ރާއްޖެ ކަހަލަ ދުނިޔެއަށް މަޝްހޫރު "ޓްރޮޕިކަލް" ފަތުރުވެރިކަމުގެ މަންޒިލަކުން ފެންނަންޖެހޭ ދިވެހިރުއްތައް ނެތިކޮށްލާފައި، އަރަބިކަރައިގެ ސަހަރާގައި ހެދޭ ކަދުރުރުއް ޖަހައި، ދިވެހިރާއްޖޭގެ ދިވެހިވަންތަކަން މިހިރަ ގެއްލުވާލަނީއެވެ.



ދިވެހިރުކަކީ ދިވެހިރާއްޖޭގެ ޤައުމީ ގަހަށް ވީ ހިނދުވެސް، މިއަދު ދިވެހީންގެ ހިތްތަކުގައި ދިވެހިރުކާ މެދު ނަފްރަތު އުފައްދާ ބަޔަކު ވެސް އެބައުޅެއެވެ. ދިވެހިރުކުގެ ބަދަލުގައި ކަދުރުރުއް އިންދުމަކީ ދީނީ ކަމަކަށް ހަދާ ބަޔަކު ވެސް އެބައުޅެއެވެ. މިއީ ހިތާމަހުރި ކަމެކެވެ. ދުނިޔޭގައި އާއްމުކޮށް ދިވެހިރުއް ހެދޭ "ޓްރޮޕިކަލް" ގައުމުތަކުގައި މަގުތަކުގައި ދިވެހިރުއް އިންދުމަކީ އާއްމު ކަމެކެވެ. އެފަދަ ވަރަށް ގިނަ ގައުމުތަކުގައި އެ ރުއްތައް ސާފުކޮށް ބަލަހައްޓަން މުނިސިޕަލް މުވައްޒަފުން ލާފައި ތިބޭކަން ފާހަގަކޮށްލެވެއެވެ.

އިހުގެ ދިވެހީންގެ ބޯދާ ގަބޫލުކުރުން ތަކާ އެއްގޮތަށް، ވިހާ ކޮންމެ ދަރިއަކަށް ރުއް އިންދާއުޅުނެވެ. މަރުވާ މީހުންނަށްޓަކައި ވެސް ރުއް އިންދިއެވެ. ކަނޑާ ކޮންމެ ރުކެއްގެ ބަދަލުގައި ހަތަރު ފަސް ރުއް އިންދިއެވެ. މިހެން އިންދި އިންދުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ދިވެހީން ބޭނުންކޮށްފައި ބާކީވާ ވަރަށް ކާށި ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން ކާއްޓަކީ ދިވެހީން އެކްސްޕޯޓްކޮށް އުޅުނު މުދަލެކެވެ. އަދި ދިވެހިރުކުން އެހެނިހެން މުދާތައް އުފައްދައިގެން ވެސް ދިވެހީން އެކްސްޕޯޓްކުރިއެވެ.އެޒަމާނުގައި ކާބޯތަކެތީގެ ގިނަ ބާވަތްތައް ހެދުމަށް ކާށި ބޭނުންކުރިއެވެ. ދިވެހިރުކުން ދިވެހީންގެ ގިނަ ބޭނުންތައް ފުދުނެވެ. އެކަމަކު ރުއްތައް ކަނޑަމުން ގޮސް، މިއަދު ކާށި ވެސް، ރޯނު ވެސް އިމްޕޯރޓް ކުރަނީއެވެ.

ކަދުރުރުއްވެސް ބޭރުން ގެންނަ އެހެނިހެން ރުއްގަސް ފަދައިން ޕާކުތަކުގައި އިންދަންވީއެވެ. އެހެންނަމަވެސް ރާއްޖޭގެ މޫނު މަތީގައި ކަދުރު ރުއް އިންދުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަމިއްލަ ސިފަ ބަދަލުކޮށްލާފައި، އާޓިފިޝަލް ސިފައެއް ޖެހުން ކަހަލަ ކަމެކެވެ. މިއީ ދިވެހިރާއްޖޭގެ ދިވެހިވަންތަކަމުގެ ސިފަ ބަދަލުކޮށްލުމަށް ކުރެވޭ ކަމެއް ކަމަށް ދެކެމެވެ. އަޅުގަނޑުމެން ދިވެހީން ދިވެހިވަންތަކަން ރައްކާތެރިކުރުމަށް މަސައްކަތްކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު