ސަރުކާރު ޖަވާބުދާރީ ކުރުމަށް ބާރުއެޅި މީހުން މިއަދު ވަނީ ޤައުމީ މަސްހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްފައި ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ވެރިކަން ކުރާފަރާތުން ވެރިކަމަށް އައުމަށް ދެއްކި އެންމެބޮޑު އެއްވާހަކައަކީ ސަރުކާރު ޖަވާބުދާރީ ކުރުމާއި ޤައުމީ ކަންކަމުގައި ރައްޔިތުންގެ ހައްގުތައް ހޯދުމަށް އިހުތިޖާޖު ކުރަންޖެހޭ ވާހަކަ ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ނަމަވެސް މިއަދު ޤައުމާއި ރައްޔިތުންގެ ހައްގުގައި ގިނަ އަދަދެއްގެ ބަޔަކު ހައްގުތައް ކަށަވަރުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުތުމުން އަމަލު ކުރަމުންދަނީ ދެއްކި ވާހަތަކާއި ދިމާ އިދިކޮޅަށް ކަމުގައި ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުން ގޯސްކޮށް ނުވަތަ ނުރަނގަޅުކޮށް ކުރާ ކަންކަން ޖަވާބުދާރީ ކުރުވުމަށް މަގުތަކަށް ނުކުމެ އިހުތިޖާޖް ކުރުމަށް މީގެ ކުރިން އަޑަށް ބާރުލާފައި ގޮވަމުންދިޔައީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންކަމަށެވެ. ނަމަވެސް މިއަދު ވެރިކަން ލިބި ބާރު ލިބުމުން ކުރަމުންދާ ގޯސް ކަންކަން ހުއްޓުވައި މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ދިއުމުން ރައްޔިތުން ނުކުތުމުން އަނިޔާކުރުމަކީ ބަލައި ގަނެވޭ ކަމެއް ނޫންކަމަށެވެ.

"މުޒާހަރާކުރަނީ ސިޔާސަތު ގޯސްވެ ޤަޢުމަށް ނުރައްކާވުމުން. މިއީ ސިޔާސީ މިނިވަންކަން ބަލައިގަނެފައިވާ ޑިމޮކްރެޓިކް ޤަޢުމެއް. ސަރުކާރު ހަމަމަގަށް އަޅުވަން އިޙްތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު ބަދަލުވެފައިވަނީ އަމިއްލަ މަންފާ ޤައުމީ މަޞްލަޙަތަށްވުރެ އިސްކުރާތީ." ޑރ.ޖަމީލް ވިދާޅުވިއެވެ.

މިއަދު ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަކީ އިދިކޮޅުގައި އޮތްއިރު އެންމެ ގިނައިން މަގުތަކަށް ނުކުމެ މުޒާހަރާކޮށް އަޑު އުފުލާފައިވާ ޕާޓީކަމަށް އެޕާޓީގެ މެމްބަރުންވެސް ވިދާޅުވެއެވެ. އަދި މިއަދު އޮތް ޤާނޫނު އަސާސީއަކީ މުޒާހަރާކޮށް އަޑު އުފުލައިގެން ހޯދާފައިވާ "މުޒާހަރާ ޤާނޫނު އަސާސީ" އެއް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިހާތަނަށް ބޭއްވި ގިނަ އެއްވުންތަކާއި މުޒާހަރާތައް ވަނީ ސަލާމާތީ ބާރުތައް ބޭނުންކޮށްގެން ހުއްޓުވާފައެވެ. މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މަޖިލީހުގައި ހިމެނޭ ބައެއް އެމްޑީޕީގެ މެމްބަރުންވެސް ބައެއް ހައްގުތައް ހޯދުމަށް މަޖިލިސް ކައިރީގައާއި، ބައެއް ތަންތަނުގައި ކޮށްފައިވާ މުޒާހަރާތައް ފުލުހުން ބާރުގެ ބޭނުންކޮށް ހުއްޓުވާފައިވާތީ އެކަން ކުއްވެރި ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން