ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް އޭސީސީން ތަހުގީގް ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީން އަންނަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ބޮޑެތި ކަރަޕްޝަން ހިމެނޭ މައްސަލަތައް ބެލުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ތެރެއިން 8 މައްސަލައެއް މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތުގެ ދަށުގައި ނުހިމެނޭ ކަންތައްތަކަށް 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވަނީ ހާމަވެފައެވެ.

އޮޑިޓް ރިޕޯޓްގައި ކޯވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެމިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ 99 އިންސައްތައަކީ އެމިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއްކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑުން ކުރާ ހުރިހާ ޚަރަދެއްގެ ހުއްދަދޭނީ ފަންޑު ހިންގާ ކޮމިޓީންކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އެ ފަންޑުން ކޯވިޑް-19 އާ ގުޅިގެން ކުރި އެއްވެސް ޚަރަދެއް ކުރީ ކޮމިޓީން ފާސްކޮށްގެން ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ކޯވިޑް-19އާ ގުޅިގެން އެ ފަންޑުން ޚަރަދުކުރި މައިގަނޑު ކަންތައްތަކާއި، އެ ކަންތައްތަކާއި ގުޅިގެން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ރެކޯޑުތަކުން ދައްކާ ޚަރަދުގެ ތަފްޞީލުތައްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ހިމަނާފައެވެ.

އޯޑިޓް ރިޕޯޓްގައިވާ ގޮތުން ކޯވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ އެކި އެއަރޕޯޓުތަކުގައި ތަރމަލް އިމޭޖިން ކެމެރާ ސިސްޓަމްތައް ބަހައްޓާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެމެރާ ބެހެއްޓުމަށް ޖުމުލަ 2،361،340 ( ދެ މިލިއަން ތިން ސަތޭކަ ފަސްދޮޅަސް އެއް ހާސް ތިން ސަތޭކަ ސާޅީސް ) ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއަރޕޯޓު ތަކަށް މިފަދަ ތަކެތި ހޯދުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ މެންޑޭޓުގައި ހިމެނޭ ނުވަތަ މިނިސްޓްރީގެ ދާއިރާއާ ގުޅޭ ކަމަކަށް ނުވާއިރު، މިކަހަލަ މަޝްރޫއެއް ހިންގުމުގައި މިކަމުގެ ތަޖުރިބާ ހުރި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ލަފާ ހޯދާފައި ނުވާކަންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

ކެމެރާތައް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގައި އެ މަސައްކަތް ކުރި ފަރާތާއެކު މިނިސްޓްރީން ސޮއިކޮށްފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން އެސް.އެސް.އައި އިން ތައްޔާރުކޮށްފައިވާ ލިޔުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވެ ސޮއިކޮށްފައި ވިޔަސް، މިނިސްޓްރީގެ ފަރާތުން އެ ލިޔުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ހިމަނަންޖެހޭ ފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން، މި މަސައްކަތާ ގުޅޭގޮތުން ސޮއިކޮށްފައިވާ ލިއުމަކީ، މަސައްކަތާ ޙަވާލުވި ފަރާތުގެ މަސްލަހަތަށް ބުރަވާގޮތަށް އެ ފަރާތުން އެކުލަވާލައިފައިވާ ލިއުމެއްކަން ފާހަގަކުރެވޭކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.

މީގެއިތުރުން ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލުމަށް ހަ މެންބަރުންގެ ޓީމެއް ރާއްޖެއިން ބޭރުން ގެނެސްފައިވާކަމަށާއި އެ ޓީމްގެ ޕްރޮފެޝަނަލް ފީއެއްގެ ގޮތުގައި 7.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

ކ. ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް ކުރި ހަރަދުތަކާއި ގުޅޭ ބައެއް މައްސަލަތައްވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. މިގޮތުން 2،183،600 (ދެ މިލިއަން އެއް ސަތޭކަ އަށްޑިހަ ތިން ހާސް ހަ ސަތޭކަ) ރުފިޔާގެ މި މަ ސައްކަތް ޙަވާލުކުރި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބިޑް ކޮމެޓީން މި މަސައްކަތް ހަވާލުކުރަން ނިންމައި ހުއްދަ ދިނުމުގެ ކުރިންކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން