ދޮގު ޚަބަރު ފަތުރައި، ފިތުނަ ފަސާދަ އުފައްދާ ޗެނަލްގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.އިޔާޒް އަބުދުލްލަތީފް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވީ އިދިކޮޅުގެ ހަރަކާތްތައް ޕްރޮމޯޓްކުރާ ޗެނަލް 13 އަކީ އަނިޔާވެރިކަމަށް ތާއިދުކުރާނެ ޗެނަލެއް ނޫން ކަމަށް ވިދާޅުވެ އެ ޗެނަލަށް ތައުރީފު ކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. ދީނީ އިލްމްވެރިޔާ ޑރ. އިޔާޒް އަބުދުލްލަތީފް ވިދާޅުވީ މީސް މީހުންގެ އަބުރަށް ހުތުރުވާ ޒާތުގެ ވާހަކަ ދައްކައި ފިތުނަ ފަސާދަ އުފައްދައި ދޮގު ޚަބަރުތައް ފަތުރާ ޗެނަލަށް ދެއްވި ތަޒްކިޔާއަށް ގިޔާމަތް ދުވަހުން ޒިންމާވާން ޖެހޭނެ ކަމަށެވެ.

ޑރ. އިޔާޒް މީގެކުރިން ވަނީ ޗެނަލް 13 އަކީ ދޮގު ޚަބަރު ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ އައްޑާ އެއްގެ ގޮތުގައި ސިފަކުރައްވައި އެ ޗެނަލާއިމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފައެވެ.



"މަނިކުފާނު ތިޔަ ދެއްވި ތަޒްކިޔާ އަށް ގިޔާމަތް ދުވަހުން ޒިންމާވާންޖެހޭނެ ކަން ހަނދުމަފުޅު ބަހައްޓަވާތީ." ކުރިން ޑރ. ޝަހީމާއި އެކީގައި އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި އަދި މިހާރު ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ސަރުކާރު ދިފާޢު ކުރައްވައި ޓްވީޓްތައް ކުރައްވަމުން ގެންދަވާ ޑރ. އިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރކަން ވެސް ކުރެއްވި ޑރ. މުހަންމަދު ޝަހީމް ވިދާޅުވީ ރައީސްގެ ހަށިކޮޅުގައި އަލިފާން ރޯކުރުމަށް ޗެނަލް 13ގެ ލައިވް ޕްރޮގުރާމެއްގައި ގޮވާލި މައްސަލައިގައި އެޗެނަލުން މައާފަށް އެދުމަކީ ރީތި ނަމޫނާ އެއް ކަމަށެވެ.

"ލައިވް ޕްރޮގުރާމެއްގައި މީހަކު ބުނި ނުރަނގަޅު ވާހަކަ އެއް ބްރޯޑްކާސްޓް ކުރެވުމުން އެކަމަށް މައާފަށް އެދިފައިވުމަކީ ރީތި ނަމޫނާ އެއް. ހެޔޮ މަގުގައި ދެމި ތިބުމަކީ މާތް ﷲ ކާމިޔާބު ދެއްވާނެ ކަމެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ހަށިކޮޅަށް އަނިޔާ ދޭން މީހަކު ގޮވާލި ވާހަކަ ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރި މައްސަލަ ފުލުހުންނާއި ބްރޮޑްކޮމް އިން މިހާރު އަންނަނީ ބަަލަމުންނެވެ. ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މީހާ ކޯޓު އަމުރެއްގެ ދަށުން ތ.ވިލުފުށިން ހައްޔަރުކޮށް އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ. އެމައްސަލައިގައި ޗެނަލް 13 ގެ އިސްވެރިން ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު